ޚަބަރު

ފުޓުބޯޅަ ރެފްރީންނަށް ވާން ބޭނުންވާ ޒުވާނުންނަށް ރަނުގެ ފުރުސަތެއް


ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅައިގެ ރެފްރީންނަށް ވާން ބޭނުންވާ ފަރާތްތަކަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަނުގެ ފުރުސަތެއް ފަހިކޮށްދީފިއެވެ.

އެފްއޭއެމް އިން ބުނީ، ފުޓުބޯޅައިގެ ބޭސިކް ރެފްރީ ކޯސްއެއް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވާ ކަމަށެވެ. ކޯސް ކުރިއަށް ގެންދިއުމަށް އެފްއޭއެމް އިން ނިންމާފައިވަނީ 19 ޖެނުއަރީ އިން 28 ޖެނުއަރީއަށް މާލޭގައެވެ.

މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާ އޮންލައިން ފޯމު ފުރުމަށް އެފްއޭއެމް އިން އެދިފައިވެއެވެ.

އެހެންނަމަވެސް ކޯހުގައި ބައިވެރިވާން އެދޭ 18 އަހަރުން ދަށުގެ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއްނެތްކަމުގެ ފޯމު ވެސް ފުރަން ޖެހޭނެކަމަށާއި އެ ފޯމު ފޮނުވަންޖެހޭނީ [email protected] އަށް ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

އަދި މި ކޯހުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށް ވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ކޯހުގައި ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކަން އެނގުމާއި ލިޔަން އެނގުމުގެ އިތުރުން ގްރޭޑް ހަތަކުން (7) ފާސްވެފައި ވުން ހިމެނެއެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ޕޮލިސް ރިޕޯޓް ވެސް ހުށަހަޅަން ޖެހެއެވެ.

ކޯހުގައި ބައިވެރިވާން އެދި ހުށަހެޅޭނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.