މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ރާއްޖެ ސުޕަރ ލީގުގަ ކ.ހުރާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކުރިއިރު ލ.މާބައިދޫން ސެމީގެ އުންމީދު ބޮޑުކޮއްފިއެވެ.
މުބާރާތުގަ އިއްޔެ ހަވީރު ކުޅުނު މެޗު ހުރާ ކާމިޔާބުކުރީ މާލެ ސިޓީއާ ވާދަކޮށް ފަސޭހަކަމާ އެކު ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ހުރާ ކާމިޔާބު ކުރީ 25-9 ، 9-25 ، 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޔާ ހުސެއިން ސޮލާހުއެވެ.
މުބާރާތުގެ ސެމީގެ އުންމީދު މާބައިދޫން ދެމެހެއްޓީ ރޭ ކުޅުނު މެޗު ދ.މާއެބޫދޫގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު މާބައިދޫން ކާމިޔާބު ކުރި އިރު މި ދެސެޓުގައި ވެސް މާއެބޫދޫން ވަނީ ރަނގަޅުވާދައެއް ކޮއްފައެވެ. މ ދެސެޓު މާބައިދޫން ގެންދިޔައީ 25-21 އަދި 26-24 އިންނެވެ. މެޗުގެ ތިންވަނަ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކާ މާއެބޫދޫ ގެންދިޔައީ 26-24 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓުގައި މާބައިދޫން ތަފާތު ދައްކާ ކާމިޔާބުކުރީ 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ ފާތުމަތު ޖޫޒާން ޒަރީރުއެވެ.