ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުގެ ޖާގައެއް ބާސެލޯނާ އިން ހޯދައިފި އެވެ.
ބާސެލޯނާ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ ރިޔާދުގައި އެތްލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގަ އެވެ.
ކިންގް އަބްދުالله ސްޕޯޓް ސިޓީގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވިއިރު އެ ޓީމުގެ މި މެޗުގެ ފުރަތަމަ ހާފުގައި ޖަހާފައިވާ ހަތަރު ލަނޑާއެކު އެ ޓީމު ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައިވެސް ސެމީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ޓީމަށް ވެފަ އެވެ.
ފަނަރަ ފަހަރު މަތިން ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އިން މި މެޗުގައި އެތްލެޓިކްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ އަށް މިނިޓު ފަހުން ފަރމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 34 ވަނަ މިނިޓުގައި ސްވިޑަންގެ ރޫނީ ބާޑްގީ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 52 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މުބާރާތުގެ ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗަށްފަހުގަ އެވެ.
ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލް މެޗު ސައުދި އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނުން ވަނީ 2029 ގެ ނިޔަލަށް މި މުބާރާތް ސައުދި އަރަބިއްޔާގައި ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.