ޚަބަރު

ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެެރިކޮށް ފުރަތަމަ ކާމިޔާބީ މިއަދު


  • ކުއްޖާ އުފަންވެފައިވަނީ މިއަދު

  • ދަރިފުޅު އަދި މަންމަގެ ހާލުވެސް ރަނގަަޅުކަމަށް ހޮސްޕިޓަލުން ބުނޭ

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

މި ފަރޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ގާއިމްކުރެވުނު ތަނެކެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ނޮވެމްބަރު 2024 ގައެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ފަރޓިލިޓީ ސެންޓަރުގައި މިއަދު އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވާ ކަމަށެވެ. އަދި އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗުން ވިދާޅުވި ގޮތުގައި، "މި ތާރީޙީ ކާމިޔާބަކީ ދިވެހިރާއްޖޭގެ ދަރިމައުވުމުގެ ފަރުވާތައް ކުރިއެރުމަށާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދާދިނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގައި ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް" ކަމަށެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާއި އެއްގޮތަށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ.

"ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އަނެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަ. އެކަމާ ގުޅިގެން، ދެމަފިރީންގެ ކިބައިން ބަލަންޖެހޭ ކަންކަމާއި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމުގެ ހިތާމަވެރި މައްސަލަ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން. މިދިޔަ އަހަރުގެ ނިޔަލަށް، 144 ފަރާތަކުން ޚިދުމަތް ހޯދައިފައިވޭ. މީގެއިތުރަށް، އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައި.ޖީ.އެމް.އެޗް.ގައި ގާއިމުކޮށް، އެ ޚިދުމަތްވެސް އިރާދަކުރެއްވީތީ މިހާރު ދަނީ ފޯރުކޮށްދެމުން. ހަމަމިއާއެކު، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް."ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި. އަދި "އައި.ޔޫ.އައި." އަދި "އައި.ވީ.އެފް."ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، "އައި.ވީ.އެފް." އާއި "އައި.ޔޫ.އައި."ގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން މިހާރު ފަށައިފައި. މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް މިހާރުވާނީ ގާއިމުކޮށްފައި" މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ‏ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވުމުގެ ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއްކަމަށެވެ.

"މި ފުރުޞަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަން" ހަލީމް ވިދާޅުވިއެވެ.

އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އައިވީއެފްގެ ޙިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީންވާކަމަށް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވިއެވެ..

"މި މުހިންމު ޚިދުމަތް ފަށްޓަވައި، ރާއްޖޭގައި މިޚިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ހަލީމް ވިދާޅުވިއެވެ.

ސަރުކާރުން ދެކޭގޮތުގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެކެވެ.