ކުޅިވަރު

އެފްއޭއެމް ކޮންގްރެސް މާޗު 7ގައި


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސް އަށް ފަހު އެ ޖަމާއަތުގެ ކޮންގްރެސް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކޮންގްރެސްގައި އޮންނާނީ އަހަރީ ބަޖެޓް ފާސް ކުރުމާއި އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފަދަ ތަކެތި ފާސް ކުރުމެވެ.

އެފްއޭއެމުގެ މިހާރުގެ ރައީސަކީ އަހުމަދު ތޯރިގް (ޓޮމް) އެވެ. އޭނާ މިދިޔަ ޖޫން މަހު މަގާމާ ހަވާލުވުމަށްފަހު ދަނީ ފުޓްބޯޅައިގެ ހިންގުން ހަރުދަނާ ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާއެކު ވަނީ ހަންގޭރީގެ އިސްޓަވާން އުރުބާނީ އަށް ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ މެނޭޖްމަންޓުން އެފްއޭއެމުގެ ބިންތައް ވިއްކުމާއި އިމާރާތްތައް ކުއްޔަށް ދޫކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށްވުމުން އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ވެސް ވަނީ ނިންމާފަ އެވެ.