ޚަބަރު

"ދިއްދޫ އެއާޕޯޓާއިއެކު އިޤްތިޞާދީ ފަހި ފުރުޞަތުތަކުގެ ބޭނުން ހިފުން މުހިންމު"


  • ދިއްދޫ މަޝްރޫއުގެ ދަށުން 115 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ

  • ބިން ހިއްކުމާއެކު އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ

ހއ. ދިއްދޫގެ އެއަރޕޯޓާއިއެކު އެރަށުގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ ދިއްދޫ އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ އެކުންފުނިން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާ ގޮތުގެ ބައެއް ތަފްޞީލުތައް ހިއްސާކުރައްވާފައެވެ.

އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިގުތިސާދު ކުރިއަރައިގެންދާނެކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ޝަރީފު ވަނީ ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ޝަރީފު ވިދާޅުވީ ހއ. ދިއްދޫގެ ބިން ހިއްކަން ފެށުމަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވާނެ އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެންދިއުންކަމަށެވެ. އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ, މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަމަށެވެ.

"އެމްއޭސީއެލްގެ ފަރާތުން ރާއްޖޭގެ މައި އެއަރޕޯޓާއި، ހަނިމާދޫ އެއަރޕޯޓާއި އަދި ތަފާތު އެއަރޕޯޓްތައް ހިންގަމުން އެބަ ގެންދަން. އަދި މީގެ އިތުރުން ސަރުކާރުން އެމްއޭސީއެލްއަށް ހަވާލުކުރާ ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވަން. އެގޮތުން މިހާރުވެސް އެއް ވަގުތެއްގައި 3 ސަރަހައްދެއްގައި ޑްރެޖިންގެ ބޮޑު 3 މަސައްކަތް އެބަ ކުރަން. އަޅުގަނޑުމެން ތި ހުރިހައި ބޭފުޅުންނަށްވެސް ދޭނެ ޔަޤީންކަމަކީ އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވާ ތާރީހަށް ޝެޑިއުލަށް އަޅުގަނޑުމެން މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލާނަން" އެމްއޭސީއެލްގެ އެމްޑީ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 115 ހެކްޓަރުގެ ބިން ދިއްދޫއަށް އިތުރުކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއަރޕޯޓު ތަރައްޤީކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑުވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.