ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއެލާއަށް އަރައި، ދިން ޙަމަލާތަކުގައި ކިއުބާގެ 32 ރައްޔިތުން މަރުވެފައިވާކަމަށް ކިއުބާގެ ސަރުކާރުން ބުނެފިއެވެ.
އެކަމުގެ މާބޮޑު ތަފްޞީލެއް ދީފައިނުވިނަމަވެސް، އެމެރިކާއިން ދިން ޙަމަލާތަކުގައި މަރުވެފައިވަނީ ކިއުބާގެ އަސްކަރިއްޔާ އަދި ޖާސޫސީ އިދާރާގެ މީހުން ކަމަށް ކިއުބާ ސަރުކާރުން ބުންޏެވެ.
"ޤައުމީ ބަޠަލުން" މަރުވުމުގެ ހިތާމަ ޤައުމީ ފެންވަރުގައި ޖެނުއަރީ 5 އަދި 6ވަނަ ދުވަހު ފާހަގަކުރުމަށް ކިއުބާ ސަރުކާރުން ވަނީ ނިންމައިފައެވެ.
ވެނެޒުއެލާގެ ވެރިކަމާ މަދޫރޯ ޙަވާލުވެވަޑައިގެންނެވުމަށްފަހު، މަދޫރޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކިއުބާގެ އަސްކަރިއްޔާގެ ސިފައިން ވެނެޒުއެލާގައި ޙަރަކާތްތެރިވެއެވެ. ނަމަވެސް، އެކަމުގައި ޙަރަކާތްތެރިވަނީ ކިހާ ޢަދަދެއްގެ ސިފައިންކަމެއް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.
މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ރައީސް އެމެރިކާއިން ވަގަށް ނަގާފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް ބެލެވެއެވެ.