ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި


  • ފީ ކުޑަކޮށްފައިވަނީ 750 އާއި 350 ޑޮލަރަށް

  • ގެސްޓު ހައުސްތަކުގެ މެންބަރޝިޕް ދައްކަން ޖެހޭނީ ކޮންމެ އަހަރެއް ފެށޭއިރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެމްބަރޝިޕް ފީ ކުޑަކޮށްފިއެވެ.

މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަހިކޮށްދޭ ފުރުޞަތުތަކެއް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ޚާއްޞަ ކޮށްގެން މީގެ ކުރިން ނަގަމުން ދިޔަ ޕީތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ. ޝިއުރީ ވިދާޅުވީ، މީގެ ކުރިން ގެސްޓުހައުސްތަކަށް މެންބަރަކަށް ވުމަށްޓަކައި 1،000 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިހާރު މިގެނައި ބަދަލާއެކު 25 ކޮޓަރި އަށްވުރެ ކުޑަނަމަ 350 ޑޮލަރު އަދި 25 ކޮޓަރި އަށްވުރެ ގިނަނަމަ 750 ޑޮލަރު ދައްކަންޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

" މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް" ޝިއުރީ ވިދާޅުވިއެވެ.

ގެސްޓު ހައުސްތަކުގެ މެންބަރޝިޕް ފީ ދައްކަން ޖެހޭނީ، ކޮންމެ އަހަރެއް ފެށޭއިރެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، މިއަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބަރޝިޕް ފުރުޞަތުތަކެއް ތަޢާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި ބޮޑެތި ވިޔަފާރިތަކުންވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަޤީން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މެންބަރޝިޕް ފީގެ އިތުރުން ރޯޑު ޝޯވތަކާއި، ފަތުރުވެރިކަމުގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުޞަތު ދިނުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އޭގެތެރެއިން ޑިޖިޓަލް ޝޯވ ކޭސް ރެޕްރެޒެންޓޭޓް ކޮށްދިނުމާއި، ވިޔަފާރިތައް ފުޅާކޮށް މާކެޓު ކުރުމަށް އެކި ފުރުޞަތުތައް ފަހިކޮށްދީ، ބައިނަލްއަޤުވާމީ މާކެޓުގައި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.