ޚަބަރު

އިންތިޚާބަށް 7000 އޮފިޝަލުން ތަމްރީނު ކުރަނީ


  • އޮފިޝަލުން ތަމްރީނުކުރުމަށް 100 އެއްހައި ޓްރެއިނަރުން ތަމްރީނު ކުރާނެ

  • އަތޮޅުތަކުގައި އޮފިޝަލުން ތަމްރީނު ކުރަން ފަށާނީ 11 ވަނަ ދުވަހު، މާލެ ސަރަހައްދުގައި ފަށާނީ 15 ވަނަ ދުވަހު

  • އިންތިޚާބު ބާއްވާނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކެމެޓީގެ އިންތިޚާބަށް 7000 އެއްހައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން މިހާރު ވަނީ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުންގެ ތަމްރީނުތައް ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މާލޭގެ ސީއެޗްއެސީގައި އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިމަހުގެ 3 އިން 9 އަށެވެ. މި ޕްރޮގްރާމުގައި އޮފިޝަލުން ތަމްރީނުކުރާނެ 100 އަށް ވުރެ ޓްރެއިނަރުން ތަމްރީނުކުރެވިގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ. އެ ކޮމިޝަނުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ އޮފިޝަލުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންތިޚާބު އޮންނަން ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެކޮމިޝަނުން ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އިންތިޚާބުގައި ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް އިންތިޚާބުގެ ކަންކަން ތަންފީޒު ކުރުން ކަމުގައި ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އަދި އިންތިޚާބުގެ އެއްވެސް ކަމެއް ކުރިއަށް ގެންދާއިރު މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއި ތަފާތުކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ލިބިގެންދާ ތަމްރީނާއެކު ވޯޓު ފޮށިތަކުގައި ތިބޭ ބޭފުޅުންނަށް ކިޔައި ދެއްވާއިރު، ކިޔާ ދެއްވާ އެއްޗަކަށް ކިޔާ ދެއްވާ ގޮތަކަށް އޭގެ ޒާތުގައި އިދާރީ އެއްވެސް މަސައްކަތަކަށް ބަދަލެއް ނާންނާނެ. އެކަމަކު ޤާނޫނީ ގޮތުން އައިސްފައި ހުރި ބަދަލުތަކުގެ ތެރެއިން އެއާއި ގުޅިގެން ޢަމަލު ކުރަންވީ ގޮތަށް ބަދަލު އަތުވެދާނެ. އެހެންވީމަ އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި އިންތިޚާބު ބޭއްވުމުގައި އެއްވެސް ބަދަލެއް ނުގެނެސް އެެގޮތުގައި ގެންދާނީ " އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ޕްރޮގްރާމުގެ ތެރެއިން އޮފިޝަލުން ތަމްރީނު ކުރާ ފަރާތްތަކަށް ހަފްތައެއްހާ ދުވަހުގެ ތެރޭގައި މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ކަންކަން ހިނގަންވީ ގޮތާއި، އެދުވަހު ވޯޓުލާން އަންނަ ފަރާތްތަކަށް ދޭން ޖެހޭ މަޢުލޫމާތުތަކުގެ އިތުރުން ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލް އެފަރާތްތަކަށް ކިޔައި ދެވޭނެ ކަމަށް އީސީސން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ތަމްރީނު ޕްރޮގްރާމްތައް ނިންމުމަށް ފަހު، ތަމްރީނު ލިބޭ ފަރާތްތަކުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތަކުގައި 7000 އެއްހައި އޮފިޝަލުން ހަރަކާތްތެރިވާއިރު، އެ ފަރާތްތައް ތަމްރީނުކުރުމަށް އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަމްރީނުތައް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ތަމްރީނުތައް މިމަހުގެ 15 ވަނަ ދުވަހު ފެށީިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބަށް އިދާރީ މުވައްޒަފުންގެ ގޮތުގައި އިތުރު 100 އެއްހައި މުވައްޒަފުން ބޭނުންވާ ކަމަށް އިލެކްޝަނުން ވަނީ ހާމަކުރައްވާފައެވެ.