މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން 373 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މި މުއްދަތުގެ ތެރޭގައި އެމްޓީސީސީން ވަނީ 44 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފަށާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 373 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމާއި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ސާވޭ އަދި ކޮންސަލްޓެންސީގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުރިއަށްގެންގޮސްފައިވެއެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން 44 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އިތުރު 68 މަޝްރޫއެއް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކުންފުނިން ވަނީ 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
* ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުން މަސައްކަތް
* ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް
* މާލެ ސިޓީ ކައުންސިލް އައު އޮފީސް އިމާރާތުގެ އާކިޓެކްޗަރަލް އަދި ކޮންސަލްޓެންސީގެ މަސައްކަތް
* ކ. ތިލަފުށީގެ ލޮޖިސްޓިކް ޓަރމިނަލުގެ ފޭސް 1ގެ މަސައްކަތް
* ވ. ފެލިދޫގެ އައުޓްޑޯރ ޖިމްގެ މަސައްކަތް
* މ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް
އެމްޓީސީސީން ނެރުނު މިއަހަރުގެ 3 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރގައި 501.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ކުންފުނި ހިންގައިގެން 29.3 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.