ކުޅިވަރު

ޑިފެންޑަރެއް ނުހޯދައި ކާމިޔާބުވުން ދުރު: ބާސެލޯނާގެ ކޯޗު


މި ސީޒަނުގައި ބާސެލޯނާ ކާމިޔާބު ހޯދާ ކަމަށްވާނަމަ ޖެނުއަރީ ޓްރާންސްފާގައި ޑިފެންޑަރެއް ހޯދަން ޖެހޭ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަން ފެށުމުގެ ކުރިން އިނިގޯ މާޓިނޭޒް ކުލަބު ދޫކޮށްލުމުން ފަހަތް ވަރަށް ބޮޑަށް އަޑިއަޅާލާފައިވާތީ އެވެ. ފްލިކް ބުނީ ބާސެލޯނާގެ ޓީމަށް ބަލައިފިނަމަ ޑިފެންޑަރަކު ހޯދަން ޖެހޭކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

ޓީމުގެ ޑިފެންޑަރުންގެ ތެރެއިން ކެޕްޓަން ރޮނަލްޑް އަރައުހޯ ނަފްސާނީ މައްސަލައެއްގައި ޗުއްޓީއެއްގަ އެވެ. ޑެންމާކުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސަނަށް ވަނީ ހަތަރު މަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. މީގެ ސަބަބުން ޓީމުގެ ސެންޓަ ބެކުންގެ ތެރޭގައި ގަވާއިދުން ކުޅެން ހުރީ ޒުވާން ކުޅުންތެރިޔާ ޕައު ކުބަރްސީ އެކަންޏެވެ. އޭނާއެކު ބައެއް ފަހަރު އެރިކް ގާސިއާ ނުވަތަ ވާތު ބެކް ޖެރާޑް މާޓިން ލައްވައި ވެސް ކުޅުވަ އެވެ. ނަމަވެސް ފަހަތަށް ވަންނަ ބޯޅަ ގިނަވުމަކީ ކޯޗުގެ ކަންބޮޑުވުމެވެ. ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު 18 މެޗުގައި ވަނީ 20 ގޯލު ވަދެފަ އެވެ.

"ރަނގަޅަށް ބެލީމަ އެންމެނަށް ވެސް ޔަގީންވާނެ ޑިފެންޑަރެއް ހޯދަން ޖެހޭކަން. އެކަމަކު ގަބޫލު ކުރަން ޖެހޭ ޖެނުއަރީ މަހަކީ ކުޅުންތެރިން ހޯދަން ފަސޭހަ މަހެއް ނޫންކަން. އަހަރުމެން ހުރިހާ ފުރުސަތަކަށް ވެސް ބަލާނަން،" ކޯޗު ބުންޏެވެ.

ބާސެލޯނާއިން ހޯދަން މަސައްކަތް ކުރާ ޑިފެންޑަރުންގެ ތެރޭގައި އިޓަލީގެ އިންޓަމިލާނުގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ ޝްލޮޓަރބެކް ހިމެނެ އެވެ. މީގެ އިތުރުން ސައޫދީ އަރަބިއާގެ އަލް ހިލާލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޔާއޯ ކަންސެލޯ އާއި އިންޓަމިލާނުގެ ޑިވްރާޖް އަދި މެންޗެސްޓާ ސިޓީގެ ނަތަން އާކް ލޯނު އުސޫލުން ގެނައުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.