ޗެލްސީގެ ކޯޗުކަން ދިނުން އެންމެ ގާތީ އިނގިރޭސި ޒުވާން ކޯޗު ލިއަމް ރޮޒީނިއާ އަށް ކަމަށް ބެލެވެން ފަށައިފި އެވެ.
އުމުރުން އެންމެ 41 އަހަރުގެ ކޯޗަކީ ޗެލްސީގެ މިހާރުގެ މެނޭޖްމަންޓުން ހިންގާ ފްރާންސްގެ ކުލަބު ސްޓްރާސްބޯގެ ކޯޗެވެ.
ޗެލްސީއާ ބެހޭ ގޮތުން އޭނާއާ ސުވާލު ކުރުމުން ބުނީ މިހާރު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ.
"އަހަރެންގެ މިހާރުގެ ކުލަބު ދެކެ ލޯބިވޭ. އެހެންވީމާ އަހަރެން މިތަނުގައި މިހުރީ. އެކަމަކު ފުޓްބޯޅައިގައި އެއްވެސް ކަމަކަށް ގެރެންޓީއެއް ނުދެވޭނެ. އަހަރެން ޖެހޭނީ މި ކުލަބާ ތިމަކާ ވާހަކަ ދައްކަން،" ރޮޒީނިއާ ބުންޏެވެ.
އޭނާ އަށް ޗެލްސީގެ ކޯޗުކަން ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މެނޭޖްމަންޓުގެ ގުޅުމުގެ ތެރެއިންނެވެ. އަދި އޭނާ އަކީ ޒުވާން ކޯޗަކަށް ވުމުން ޗެލްސީގެ މިހާރުގެ ޒުވާން ސްކޮޑާ އަވަހަށް ގުޅިގެން ކުރިއަށް ދެވޭނެ އެއް ކޯޗަކީ އޭނާ ކަމަށް ބެލެވޭތީ އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ޗެލްސީގެ ކޯޗުކަމަށް އަންނާނެ ތަޖުރިބާކާރަކު ނުވާނެ އެވެ. ސަބަބަކީ އެ ކުލަބުން ކިތަންމެ ފައިސާއެއް ދިން ނަމަވެސް އަވަސް އަވަހަށް ކޯޗުން ބަދަލު ކުރާތީ އެވެ.
ޓީމުގެ ކޯޗުގެ މަގާމު ހުސްވީ ފާއިތުވެދިޔަ 18 މަސްދުވަހު އެ މަގާމުގައި ހުރީ އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ ކޯޗުކަން ދޫކޮށްލުމުންނެވެ. އޭނާ ޓީމާ ވަކިވި މައިގަނޑު އެއް ސަބަބަކީ އޭނާގެ ވިސްނުމާ ދެކޮޅަށް މެނޭޖްމަންޓުން ނިންމުންތައް ނިންމުމެވެ. މީގެ އިތުރުން ޕެޕް ގާޑިއޯލާ އަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަމަށް ގެންދާނެ ކޯޗަކީ އޭނާ ކަމަށް ބެލެވިފައި އޮތުމަކީ ވެސް މައްސަލައެއް ކަމަށްވެ އެވެ.
ޗެލްސީ އަށް މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން މަރެސްކާ އަކީ މިހާރުގެ މެނޭޖްމަންޓުގައި އެ ޓީމާ ވަލިވި ފަސް ވަނަ ކޯޗެވެ. މިހާ އަވަސް އަވަހަށް ޗެލްސީން ކޯޗުކަން ބަދަލު ކުރާތީގެ ތަޖުރިބާކާރު ކޯޗުން ވަނީ ފާޑުވެސް ކިޔައިފަ އެވެ.
ޗެލްސީ އަށް ދެން އެންމެ އަވަހަށް އޮތީ މި ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި ޓީމަށް ކޯޗުކޮށްދޭނީ އެ ކުލަބުގެ 21 އަހަރުން ދަށުގެ ކޯޗު މެކް ފާލޭން އެވެ.