ޚަބަރު

ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއް: ވަޒީރު ޑރ.ޙައިދަރު


  • ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖެއް ޗީފް އެޑްވައިޒަރާއި ހަވާލުކުރެއްވި

ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ މުހިއްމު ދައުރު އަދާކުރާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު އެގައުމުގެ ވެރިރަށް ޑާކާގައެވެ. މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އެޤައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޗީފް އެޑްވައިޒަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، އެގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑޮކްޓަރ ހައިދަރު ވަނީ ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވާ، ބޭގަމް ޚާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓަރންޝިޕް ނިންމުމުގައިި އެގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.

ޗީފް އެޑްވައިޒަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ގާތް އެކުވެރި ދެގައުމުކަން ފާހަގަކުރެއްވިއެވެ. އަދި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި، ޖަމާއަތެއްގެ ގޮތުގައި އަދިވެސް ސާކް ހަރަކާތްތެރިވާކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހައިދަރު ވަނީ، އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. ޗީފް އެޑްވައިޒަރު ވަނީ، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުވުމުގައި، ކަނޑުގެ ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރ ހައިދަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތައުޒިޔާގެ މެސެޖެއް ޗީފް އެޑްވައިޒަރާއި ހަވާލުކުރައްވާފައެވެ.