ޚަބަރު

ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަންދިނުމަށް އުސޫލު އިސްލާހުކުރަނީ


  • ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތެއް ހޯދަނީ

  • ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަކަމަށް މާލީ ވުޒާރާއިން ވިދާޅުވި

ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދިނުމަށްޓަކައި މިހާރު އޮންނަ އުސޫލު އިސްލާހުކުރަން ނިންމައިފިއެވެ.

މާލީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އެ ވުޒާރާއިން އެކި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ބަދަލު ގެނައުމަށް މަޝްވަރާކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ޤާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް އެ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށްވުރެ ލުއި ފަސޭހަކޮށްދިނުމާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސަ އިސްކަމެއްދީގެން އެފަދަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތެއް މީރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަކަމަށެވެ. އަދި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. މާލީ ވުޒާރާއިން ވަނީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.