ފަލަސްޠީނުގެ ޣައްޒާގެ އިންސާނީ ޙާލަތު ގޯހުން ގޯހަށް ދަމުން ދާ ކަމަށް ފާހަގަކޮށް ހުޅަނގުގެ ދިހަ ޤައުމަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކެނެޑާއާއި ޑެންމާކާއި ފިންލެންޑާއި ފަރަންސޭސިވިލާތާއި އައިސްލެންޑާއި ޖަޕާނާއި ނޯވޭއާއި ސްވީޑެންއާއި ސްވިޒަލެންޑާޢި އިނގިރޭސިލާތުން ގުޅިގެން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ޙާލަތު އެތައް ގުނައެއް އަނެއްކާ ވެސް ގޯސްވެފައިވާ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ފިނި މޫސުމާ ކުރިމަތިލަމުންދާއިރު، ބޯ ވާރެއާއި ފިނިހޫނުމިން ދަށަށް ދިޔުމުގެ ސަބަބުން ޣައްޒާގެ 1.3 މިލިޔަނެއްހާ މީހުންނަށް އެކަށީގެންވާ ހިޔާވަހިކަމެއް ބޭނުންވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ގިނަ ޞިިއްޙީ މަރުކަޒުތަކުން އަދިވެސް ޚިދުމަތް ނުދެވޭ ކަމަށާއި ބޭހާއި އެހެނިހެން ސާމާނު ލިބުމުގައި އެ މަރުކަޒުތަކުން ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން 740،000އަށްވުރެ ގިނަ މީހުން ތަޣައްޔަރުވެފައިވާ ފެނަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ 1.6 މިލިޔަން މީހުންނަށް ކާބޯތަކެތިި ކަށަވަރު ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި ޙާލަތުގައި އަމިއްލަ ޖަމްޢިއްޔާތަކަށް ޣައްޒާގައި ދެމެހެއްޓެނެވި ގޮތަކަށް މަސައްކަތްކުރުމުގެ ފުރުޞަތު ޔަހޫދީން ދޭން ޖެހޭ ކަމަށް ބަޔާުނުގައި ބުނެފައިވެއެވެ. އަދި އދން ޣައްޒާގައި ކުރިއަށް ގެންދާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޣައްޒާއަށް ވަކި ބާވަތްތަކެއްްގެ ތަކެތި އެތެރެކުރުން ޔަހޫދީން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް ހުޅަނގުގެ ޤައުމުތަކުން ފާހަގަކޮށްފައިވެއެވެ. ޔަހޫދީން ޣައްޒާއަށް އެތެރެކުރުމަށް ހުރަސް އަޅާ ތަކެތީގެ ތެރޭގައި ޞިއްޙީ ސާމާނާއި ފޭލިގެއާއި ވަގުތީ ހިޔާތައް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެ ސަހަރުގެ ހުރިހާ ދޮރާއްޓެއް ހުޅުވައިލަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.