ކުޅިވަރު

ތިން ވަނަ ޑިވިޝަނުގައި ކުޅެން ޖަޕާނުގެ މުސްކުޅި ރަސްގެފާނު ސޮއިކޮށްފި


ދުނިޔޭގެ އެންމެ މުސްކުޅި ފުޓްބޯޅަ ކުޅުންތެރިޔާ ޖަޕާނުގެ ކަޒުޔޯޝީ މިއުރާ (ކިންގް ކަޒޫ) އިތުރު އަހަރެއްގައި ކުޅެން ތައްޔާރުވެއްޖެ އެވެ.

60 އަހަރާ ގާތްކުރާ ފޯވަޑް ޖަޕާނުގައި އޭނާ މަޝްހޫރު ވެފައިވަނީ ރަސްގެފާނު ކަޒޫގެ ނަމުންނެވެ. އޭނާ މި ފަހަރު ސޮއިކުރީ ޖަޕާނުގެ ޖޭ ލީގުގެ ތިން ވަނަ ޑިވިޝަނުގެ ފުކުޝީމާ ޔުނައިޓެޑަށެވެ. ޖަޕާނުގެ މަޝްހޫރު ޔޮކަހާމާ އެފްސީ އަށް ގިނަ އަހަރުތަކެއްގައި ކުޅުމަށްފަހު މިއުރާ މިހާރު ކުޅެމުންދަނީ ލޯނު އުސޫލުންނެވެ. އޭނާ އަށް އަންނަ ފެބްރުއަރީ މަހު 59 އަހަރު ފުރޭނެ އެވެ. އަދި އަންނަ ސީޒަން ވާނީ އޭނާގެ 40 ވަނަ ފުޓްބޯޅަ ސީޒަނަށެވެ.

އޭނާ ވަނީ އޮސްޓްރޭލިޔާ އާއި ޔޫރަޕުގެ ބައެއް ޓީމުތަކަށް ވެސް ކުޅެފަ އެވެ. މި ގޮތުން ޖެނޯއާ އާއި ޑިނަމޯ ޒެގްރެބް ފަދަ ކުލަބުތަކަށް ކުޅުނެވެ. އޭނާ ފުޓްބޯޅަ ކުޅެން ފެށީ 1986 ވަނަ އަހަރު ބްރެޒިލްގެ ސަންޓޯސް އިންނެވެ. އޭގެ ފަހުން އެ ގައުމުގެ ޕަލްމެއިރާސް އަށް ވެސް ކުޅުނެވެ. އޭގެ ފަހުން ކްރޮއޭޝިޔާ އާއި އިޓަލީ އާއި ޕޯޗުގަލްގެ ކުލަބުތަކަށް ވެސް ކުޅުނެވެ.

"އަހަރެން ވަރަށް އުފަލާއެކު މި އިއުލާނު ކުރަނީ ފުކުޝީމާ ޔުނައިޓެޑާއެކު އަހަރެންގެ ކޮންޓްރެކްޓް ހެދި ވާހަކަ. މިއީ އަހަރެންގެ ކެރިއަރުގެ މުޅިން އައު ޗެލެންޖަކަށްވާނެ. އަހަރެންގެ އުމުރުން ދުވަސްވިޔަސް ފުޓްބޯޅަ އަށް އަހަރެންގެ ހުރި ޝައުގުވެރިކަމަކަށް ބަދަލެއް ނާދޭ. އަހަރެން މިހުރީ ވަރަށް ސުފަލުން ފުކުޝީމާ އަށް ކުޅެން ފުރުސަތު ލިބުމުން. އަހަރެން ބޭނުންވަނީ މިތަނުގައި ތާރީހު ލިޔެލަން. އިތުރު ކާމިޔާބޫ ހޯދަން،" މިއުރާ ބުންޏެވެ.

އޭނާ އަކީ ޖަޕާނުގެ ގައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޖަޕާނުގެ ފުޓްސަލް ޓީމަށް ހަ މެޗު ކުޅެދީ އެއް ގޯލު ޖަހައިދީފަ އެވެ. އޭނާގެ މިހާރުގެ މާކެޓް އަގަކީ 25000 ޔޫރޯ އެވެ.