ޚަބަރު

"ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެ


  • ބޭރު ފަރާތްތަކުން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރާކަން ފާހަގަކުރި

  • ރާއްޖެއިން ޤަބޫލުކުރަނީ ޓައިވަނަކީ ޗައިނާގެ ބައެއްކަމަށް

ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، "ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ޚަރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއިން މިހާރުވެސް ޤާއިމްވެ އޮތީ، ޒަމާނުއްސުރެ ދިވެހި ސަރުކާރުން ގެންގުޅެމުން އައިސްފައިވާ "ވަން ޗައިނާ ޕޮލިސީ" ނުވަތަ އެއް ޗައިނާ ސިޔާސަތުގައި ކަމަށެވެ. އަދި ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް އެބަޔާނުގައި ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން ގެންގުޅޭ މި ސިޔާސަތަކީ 1972 ވަނަ އަހަރު ޗައިނާއާއި ގުޅުން ޤާއިމް ކުރުމާއި ހިސާބުން ފެށިގެންވެސް ބަދަލެއްނުވެ ދަމަހައްޓަމުން އަންނަ ސިޔާސަތެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުން އެއްބައެއް އަނެއްބައެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުމުގެ އުސޫލު ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މުހިންމުކަމާއި، ޤައުމުތައް ސުލްޙަވެރިކަމާއެކު އެއްތަނެއްގައި އުޅުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް ބަޔާނުގައިވެއެވެ.

ރާއްޖެއިން ވަނީ ބައެއް ޤައުމުތަކުން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހިރާޢްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކޮށް ޚާރިޖީ ވުޒާރާއިން ވަނީ މިއީ ދެ ޤައުމަށްވެސް ފައިދާ ކުރަނިވި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދެމެހެއްޓެނި ތަރައްޤީއާއި ސުލްޙަމަސަލްކަމަށް މަގުފަހި ކުރާ ގުޅުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.