ޚަބަރު

އުނގޫފާރު އެމްއެންޔޫ ކެމްޕަސް ނިމި، ކޯސްތަކަށް ކުރިމަތިލާން ހުލުވާލައިފި


  • 5 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވޭ

  • މި ކޯސްތަކަކީ އެޑްވާންސް އަދި ސެޓްފިކެޓް 4 ގެ ކޯސްތަކެއް

ރ.އުނގޫފާރުގައި ޤާއިމްކުރި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ކެމްޕަހުގެ މަސައްކަތް ނިމި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އުނގޫފާރު އައުޓްރީޗް ކެމްޕަހުގައި އެމްއެންޔޫގެ 2026ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ 5 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ކޯސްތަކަކީ:

. އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން
. އެޑްވާންސް ސެޓްފިކެޓް އިން ނާސިންގ
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ބިޒްނަސް)
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ސައިންސް)
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ހިއުމަނިޓީޒް)

އެމް.އެން.ޔޫއިން ބުނީ، މި ހުރިހާ ކޯހަކީވެސް 1 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ ކޯސްތަކެއް ކަމަށާއި، ހުރިހާ ކޯހެއްގައިވެސް ދަރިވަރުން ކިޔަވާނީ ފުލް-ޓައިމްކޮށް ކަމަށެވެ.

އުނގޫފާރު ކެމްޕަހުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، އުނގޫފާރު ކައުންސިލާއި އެމް.އެން.ޔޫ ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މި އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމަކީ، ރ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ތަޢުލީމީ ގޮތުން ކުރިއަރައި ދިއުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ. އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމުގެ މަޝްރޫޢަކީ، އަތޮޅުތެރޭގެ ރަށްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ރާއްޖޭގައި ދޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ޤައުމީ ޔުނިވަރސިޓީން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް، ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް އެ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.