ޚަބަރު

ތުރުކީވިލާތުގައި ބިނާކުރާ އައު ނިއުކްލިޔަރ ހަކަތައިގެ މަރުކަޒަށް ރަޝިޔާއިން 9 ބިލިއަން ޑޮލަރުގެ އެހީ


ތުރުކީވިލާތުގެ އަކޫޔޫގައި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތަށް، ރަޝިޔާގެ ސަރުކާރުން ދީފައިވާ ނުވަ ބިލިއަން އެމެރިކާގެ ޑޮލަރުގެ މާލީ އެހީ ދީފައިވާކަމަށް، ތުރުކީވިލާތުގެ ހަކަތައާބެހޭ ވަޒީރު ހާމަކުރައްވައިފިއެވެ.

އަކޫޔޫގައި، ރަޝިޔާގެ ދައުލަތުގެ ހަކަތަ ކުންފުނި ރޮޒާޓަމްއިން ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތާއި ރަޝިޔާއާ ދެމެދު ސޮއިކުރި 20 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި މަރުކަޒު އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެކަމަށް ލަފާކުރިނަމަވެސް، މި މަޝްރޫޢު ވަނީ ލަސްވެފައެވެ.

ވަޒީރު އަލްބުރްސަލާން ބޭރަކްތާރު ވިދާޅުވި ގޮތުގައި، ރަޝިޔާ ސަރުކާރުން ލިބުނު މާލީ އެހީގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ބޭނުންކުރަން ރާވާފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައެވެ.

އޭނާ ވިދާޅުވީ، ތުރުކީވިލާތުގައި ނިއުކްލިޔަރ ހަކަތަ އުފައްދާ އިތުރު މަރުކާޒެއް ބިނާކުރުމަށް، ރަޝިޔާގެ އިތުރުން ދެކުނު ކޮރެޔާ، އެމެރިކާ އަދި ޗައިނާގެ ކުންފުނިތަކާ އެކު ވެސް އެންމެ ވާދަވެރި ހުށަހެޅުމެއް ހޯދުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

މީގެއިތުރުން، އަވިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫޢުއަކާ ގުޅޭގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ކުންފުންޏަކާ އެކު ވެސް މަޝްވަރާ ކުރެވެމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.

އެ މަޝްރޫޢުގެ އަގު ވެސް 1.5 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.