ދިވެހި މުޖުތަމަޢުގެ ތެރޭގައި މައިންބަފައިން ވަކިވެ، އެކަނި ދަރިން ބެލުމުގެ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން މަދެއް ނޫނެވެ. ނަމަވެސް އަދުގެ އިޤްތިޞާދީ ހާލަތައް ބަލާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ އެކަނި އެންމެ މީހަކަށް އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ހާލަތު ނިޔާކުރާ ގޮތުން ބެލެނިވެރިން ވަކިވުމަށްފަހު ދަރިންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ނުލިބި ދެއެވެ.
މިކަމަށް އެކަށީގެންވާ ތަސައްލީއެއް، ދިނުމަށް ސަރުކާރުން ދޭން ފަށާފައިވާ އެލަވެންސަކީ މިފަދަ މަޖުބޫރީ ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ތަސައްލީއެކެވެ. ސަރުކާރުން މިއެލެވެންސް ދެމުން އައިސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މިޤަވާޢިދުގެ ދަށުން ކޮންމެ ކުށްޖަކަށް 1,000 ރުފިޔާގެ އިނާޔަތެއް ދެމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އިޤްތިޞާދީ ހާލަތަށް ބަލައި މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގިނަ ބެލެނިވެރިން ފާހަގަކުރެވެ. މި ޤަވާއިދުގެ ދަށުން ދަރިންގެ އަދަދު އިތުރުވި ނަމަވެސް އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދެނީ 10،000ރ. އެވެ.
މިއަދަދު އިތުރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ އޮކްޓޯބަރ މަހު 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްވާފައެވެ.
"މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި، މިގޮތުން އަޅުގަނޑުވީ އެއް ވަޢުދު އެއީ، އެކަނިވެރި މައިންގެ އެލަވަންސް މިހާރުދޭ އަދަދަށްވުރެ ބޮޑުކޮށްދީ، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްދިނުން. އެކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެ ވަޢުދު ފުއްދުންވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް މިހާރު ނިންމާފައި އެއޮތީ. އެހެންވީމާ، މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖަނަވަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް، އެކަނިވެރި މައިންނަށް ދޭ އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެންދާނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ މިކަމަށް އެކަށީގެންވާ ހައްލެއް ގެންނަވާނެ ކަމުގެ ވަޢުދާއެކުއެވެ. އެމަނިކުފާނުގެ ވަޢުދު ފުއްދަވާ، މިހާރު އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. މިއިސްލާހުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް 12،000ރ. އާއި ހަމައަށް އެހީތެރިކަން ލިބޭނެއެވެ. ޤަވާއިދަށް ގެނެވުނު އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ލިބޭނީ 144،000ރ. އެވެ.
ސަރުކާރުން ގެނައި ބަދަލީ އެކަނި ދަރިން ތަރުބިިއްޔަތު ކުރުމުގެ ޒިންމާއާއި ހަވާލުވެ ތިބި، މަންމައިންނާއި ބައްޕައިންނަށް ލިބިގެން ދިޔަ ހިތް ހަމަޖެހުމަށް ވެގެންދާނެއެވެ. މިއަދުގެ ހާލަތައް ރިޢާޔަތްކޮށް މި ބަދަލު ގެންނަވާފައިވަނީ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކުއެވެ. ނަމަވެސް އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލު ތަންފީޒުވާން ފެށުމާއެކު މިއީ މުޅި ނިޒާމަށް އަންނާނެ ހެޔޮ ބަދަލެކެވެ.