ޚަބަރު

ނިމުނު ހަފުތާ: ވިޔަފާރިތަކާއި، ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް، ދަރިވަރުން ބޮޑު ޗުއްޓީއަށް


  • އެކަނިވެރިމައިންނަށް ދޭ އިނާޔަތް ބޮޑުކޮށްދެއްވާފައިވޭ

  • މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރުން

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. (21 ޑިސެންބަރު) އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިލްސިލާކޮށް ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުމުަގައި ރައީސް ވަނީ ޤާނޫނުތައް ބަދަލުކޮށްގެންވެސް، ރައްޔިތުން އެދޭކަންކަން ހާޞިލު ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައެވެ. އަދި - އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭގޮތަށް ހަދަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މީގެއިތުރުން ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެއްވަން ނިންމެވިކަން އިޢުލާންކުރެއްވިއެވެ. ބަންދުގައި 1 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންގެ ޝަރީއަތުގެ މަރުހަލާ މާޗުމަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސް ވިދާޅުވީވެސް މި ބައްދަލުވުމުގައެވެ.

(23 ޑިސެންބަރު) ނިމުނު ހަފުތާގައި ރައީސް ވަނީ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ގައި ބައިވެރިވެޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުން މުޙިއްމު ކަމަށެވެ. އަދި ޒުވާނުންނަށް ކުރިއަށްދިޔުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެދަށުން މަސައްކަތްކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ދޫކޮށްފައިހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުން 3 މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވީ މި ބައްދަލުވުމުގައެވެ.

(25 ޑިސެންބަރު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމެވީ ބުރާސްފަތި ދުވަހުއެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާ

(20 ޑިސެންބަރު) ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ.

(20 ޑިސެންބަރު) މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާ، ޓަރމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި 2 ފަންގިފިލައިގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. (22 ޑިސެންބަރު) އަދި މާފަރުގައި އަތޮޅުތަކުގައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ހުޅުވާފައިވަނީ ހޯމަ ދުވަހުއެވެ.

(21 ޑިސެންބަރު) ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޖޫރިމަނާ މަޢާފްކޮށްދީފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ވިޔަފާރީގެ ދާއިރާ

(22 ޑިސެންބަރު) މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. މި ހަރަކާތްތައް އިފްތިތާހުކުރެއްވީ މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

(24 ޑިސެންބަރު) ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ ބުދަ ދުވަހުއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައެވެ.

(21 ޑިސެންބަރު) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވާފައިވަނީ އާދީއްތަ ދުވަހުއެވެ. (20 ޑިސެންބަރު) ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ ބުދަ ދުވަހުއެވެ.

އެހެނިހެން ދާއިރާ

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު (24 ޑިސެންބަރު) އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ގަރާޖް ސިޓީއާއެކު ހުށަހަޅަންޖެހޭ ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސި ޚަބަރު ފާހަގަކޮށްލެވެއެވެ.

(25 ޑިސެންބަރު) ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން ކުރިއަށް ގެންގޮސްފައެވެ.

ނިމުނު ހަފުތާގައި ހިތާމަވެރި ޚަބަރެއްވެސް ލިބިގެން ދިޔައެވެ. އެއީ ވޮލީ ލެޖެންޑް އިބްރާހީމް އާދިލް (ކޮއްކޮ) ނިޔާވި ޚަބަރެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ)ގެ ކޮއްކޮ، އާދިލް ނިޔާވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހުއެވެ.