ރާއްޖޭގައި އަނެއްކާވެސް ފުޓުބޯޅަ ކޮޅަށް ޖެހުމުގައި ކުރަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވާ ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ ފުޓުބޯޅައިން ފެންނަނީ އެންމެން އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އަންހެން ފުޓްބޯޅައިންވެސް ފޯރި ފެންނަން ފަށައިފި ކަމަށެވެ.
”އަޅުގަނޑު ދަންނަވާނީ އެންމެން ގުޅިގެން ބޮޑު ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާއޭ ފެނިގެން މިދަނީ. 2014، 2015 ހިސާބުގައި ދެ ލީގެއް ބޭއްވުނު
މިއަށްވުރެ މަދު ޓީމު، މި ފަހަރު އެއަށްވުރެ ގިނަ ޓިމުން ވަރަށް ފޯރިއާއެކު މިފަހަރު މިދިޔައީ“ ވަޒީރު ވިދާޅުވިއެެވެ.
ފާއިތުވި ހަފްތާގައި ނިމުނު އަންހެން ފުޓުބޯޅަ ލީގުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށްފަހު އެމެޗަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ އުފާވެރި މަންޒަރެއް ކަމަށާއި އަންހެން ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
”ވަރަށް ކާމިޔާބު އަންހެން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތް. ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުން އެބަދޭ“ ވަޒީރު ވިދާޅުވިއެވެ.
އެއްގޮތަކަށްވެސް ރަނގަޅު ބޮޑު ފުޓްބޯޅަ މުބާރާތެއް ނުބޭއްވި 7 ވަރަކަށް އަހަރުފަހުން ދިވެހި ލީގާއި، އަންހެން ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުނު ކަމީ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ހާލަތު އެހާ ދަށްވެފަ އޮއްވާ ނޯމަލައިޒިން ކޮމިޓީއެއް އުފެދި އެ ކޮމިޓީގެ އެހީގައި މަސައްކަތް ކުރެވި އިންތިހާބު ބޭއްވި ހިންގާ ޤަވާއިދު ބަދަލުވެ، މި ހުރިހާ ކަމެއްވެސް ކުރެވިގެން މިދިޔައީ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު މިވަނީ، އެސޯސިއޭޝަން ނަގާ ކޮޅަށް ޖެހިފަ ކަމަށާއި އެސޯސިއޭޝަނުގެ މަސައްކަތާއިއެކު މިއަހަރު ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭގެ ޤައުމީ ޓިމުން ޗެމްޕިއަންކަން ހޯދުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.