ޚަބަރު

ސްކޭމްގެ 539 މައްސަލައެއްގައި ގެއްލުނު ފައިސާ ހޯދައިފި


  • ސްކޭމްގެ 1663 މައްސަލަ ހުށަހަޅާފައިވޭ

  • މުޅިއަކު 22.7 މިލިޔަން ރުފިޔާ ގެއްލުނު، 8.5 މިލިޔަން ރުފިޔާ ހޯދާފައިވޭ

ސްކޭމް މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދާ މިންވަރު 37 އިންސައްތައަށް އިތުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ހައްލު ކުރުމަށް، ސްކޭމް ސެންޓަރެއް ޤާއިމްކޮށް ފުލުހުން މަރުކަޒީ ގޮތެއްގައި މިމަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއިދާރާއިން ވަނީ، ސްކޭމް މައްސަލަތައް ހުއްޓުވުމަށް ކުރި މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިފަހުން 10 މަސް ދުވަސް ހޭދަވެފައިވާއިރު، މިހާތަނަށް ޖުމްލަ 1663 މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަތަކުގައި 22.7 މިލިޔަން ރުފިޔާ ގެއްލިފައިވެއެވެ. މީގެ ތެރެއިން ފުލުހުން ވަނީ، 8.5 މިލިޔަން ރުފިޔާ ނުވަތަ ގެއްލުނު ފައިސާގެ 37 އިންސައްތަ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދާފައެވެ. ފުލުހުން ވިދާޅުވީ، މިއަހަރުގެ މާރިޗު މަހު އެންޓި ސްކޭމް ސެންޓަރުން ޚިދުމަތް ދޭން ފެށުމުގެ ކުރިން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އެންމެ 2 އިންސައްތަ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ، 6 މައްސަލައަކަށް ދަޢުވާކޮށް، 662 މައްސަލައަކަށް ޙައްލު ހޯދައިދީ ބަންދުކޮށްފައެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، ފުލުހުން ފައިސާ އަނބުރާ ހޯދި މިންވަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.

"މިއީ މިހާރުގެ ދުނިޔޭގައި ކުރިއަރާފައިވާ ހުރި 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރުގެ ނަތީޖާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް. އަޅުގަނޑުމެންގެ ނަތީޖާއާއި ކިރިޔާވެސް ގާތްކުރާ ޤައުމަކަށް އޮތީ ސިންގަޕޫރު. އެ ޤައުމުގައި 1 ބިލިޔަން ޑޮލަރު ސްކޭމަރުން ފޭރިގެންފި. އެބޭފުޅުންގެ މަސައްކަތުން ރިކަވަރ ކުރެވުނީ، 22 އިންސައްތަ. މިހާރު މި ތަރުތީބު ކުރެވިފައިވާ ނިޒާމުގެ ތެރެއިން ހިތްހަމަޖެހޭ މަސައްކަތްތަކެއް އެބަކުރެވޭ. " ނަވީދު ވިދާޅުވިއެވެ.

ފުލުހުން ސްކޭމް މައްސަލަތަކުގައި އަނބުރާ ހޯދާ ފައިސާގެ މިންވަރު އިތުރުވެފައިވާއިރު، ސިންގަޕޫރުގެ އިސްނެގުމަށް ކުރިއަށް ގެންދާ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގައި ބައިވެރިވުމާއެކު ދުނިޔޭގެ 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރާއި މިހާރު ގުޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަަމުގައި ދާދިފަހުން ހިންގި 250،000 ޑޮލަރުގެ ސްކޭމް މައްސަލައެއްގައި ޤައުމުން ބޭރުވި ފައިސާ އެ ޤައުމުތަކުގެ ބޭންކިން ނިޒާމުގެ ތެރެއިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރެވުނުކަން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުން ވަނީ، ސްކޭމްގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައިވަނީ ފިރިހެނުންކަން ހާމަކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުގައި ގިނައިން ޖެހިފައިވަނީ، ޒުވާނުންނާއި މެދު އުމުރުގެ މީހުންކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން އޭނގޭ ގޮތުގައި އެންމެ ގިނަ ސްކޭމް ހިންގާފައިވަނީ، އޮންލައިންކޮށް ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކް މާކެޓް ޕްލޭސް ބޭނުން ކޮށްގެން ސްކޭމް ކުރި 603 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ، އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ވިޔަފާރި ކުރަން އުޅުމުގެ ތެރޭގައި ސްކޭމްގެ ޝިކާރައަކަށް ވި މައްސަލަތަކެވެ. މިފަދަ 763 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިފަހުން މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާއިރު، މިކަން ކުރުމަށް އެންމެ ބޮޑު ލުޔެއް ލިބުނީ ކޯޓު އަމުރަކާއި ނުލައި ބޭންކް އެކައުންޓުތައް ފްރީޒް ކުރުމުގެ ބާރު ލިބިގެން ދިއުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާރު ފައިސާ ނުހޯދި ހުރި މައްސަލަތަކުގެ ތެރެއިން 30 އިންސައްތަ މައްސަލައިގައި ދަޢުވާ ކުރުމަކީ މިއަންނަ އަހަރުގެ އަމާޒެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.