މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ.
މިއަދު ވަނީ، މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން ކުރިއަށް ގެންގޮސްފައެވެ.
2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ، މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރުވަރުން ކިޔެވިއެވެ. އަދި މިހާރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން މިވަނީ ޗުއްޓީއަށް ގޮސްފައެވެ. ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ، ޖޫން ޖުލައިގެ ގަދަ ދުވަސްވަރުގައެވެ.
މިފަދަ އެތައް މައްސަލަތަކާ ގުޅިގެން އަދި ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެދުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައިދެއްވުމަށެވެ. އެއާއެކު މިއަހަރަކީ، 4 އަހަރަށްފަހު ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ފުރަތަމަ ފަހަރެވެ. ދަރިވަރުންނަށް މި ލިބުނު ޗުއްޓީގައި ކުރިއަށް އޮތް އަހަރަށް ތައްޔާރުވުމަށް ގަދަ އަޅާ މަސައްކަތް ކުރުން މުހިއްމެވެ. އަދި ދަރިވަރުންގެ ގްރޭޑްތައް ބަދަލުވުމާއި، ޘާނަވީ އަދި މަތީ ޘާނަވީ ދަރިވަރުންގެ އިމްތިހާނުތަކަށް މި ޗުއްޓީގައި ތައްޔާރުވުން މުހިއްމެވެ. މީގެއިތުރުން ކުޅިވަރާއި މަޖަލުގައި އުޅުމުގެ އިތުރަށް ފިލާވަޅުތައް މުޠާލިއާކޮށް ޢިލްމީ އަޚްލާޤީ މޮޅު ދަރިވަރަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރަންވެސް ވާނެއެވެ.
އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އަހަރު ފެށޭނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.
މީގެއިތުރުން ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ، އަންނަ އަހަރުގެ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ، ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
މިފަހަރުގެ ކަލަންޑަރުގައި ވަނީ، އަލަށް ދަރިވަރުން ސްކޫލަށް ވައްދާ ތާރީޚާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 އާ ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު، 18 އޮކްޓޫބަރުން 17 ނޮވެމްބަރާއި ދެމެދު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ، 12 ޖުލައިން 31 އޯގަސްޓާއި ހަމައަށެވެ.