ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް މުހިއްމު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިއްމުކަމަށެވެ. އެހެންނަމަވެސް މީގެކުރިން ރާއްޖޭގައި ކަންވެފައިއޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށާއި، ނަމަވެސް މިސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް މުހިއްމުކަމެއްކަމަށެވެ.
"ޔޫތް ޕާލިމަންޓްގެ ކޮންސެޕްޓް ވަރަށް ބިނާކުރަނިވިކަމެއް، ކޮންމެ އަތޮޅަކުން އެކިދާއިރާތަކުން ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. އަޅުގަނޑު ބަލާނަން ތިކަން ކުރެވޭނެ ގޮތްތައް، ސީރިއަސްކޮށް ވިސްނާނެކަމެއް." ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ކޮންފަރެންސަށްފަހު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތަކާއެކު ޒުވާނުންވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. "ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް"ގައި ރައީސްވަނީ ޒުވާނުން ހުށައަޅާފައިވާ މުހިއްމު ގިނަ ކަންކަމަށް ހައްލު ގެނެސްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.