ޔަހޫދީ ސިފައިން ޣައްޒާއިން ދުވަހަކު ވެސް ނުފައިބާނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއިލް ކެޓްޒް ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ދެ އަހަރު ދުވަހަށް ފަހު ނިމުމަކަށް އައިސްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ތިބި ޔަހޫދީ ސިފައިން އެ ސަހަރުން ފައިބަން ޖެހެއެވެ.
އެއްބަސްވުމުގައި އެހެން އޮތް ނަމަވެސް ޔަހޫދީން އެއްވެސް އިރަކު ޣައްޒާއިން ފޭބުމަށް ގަސްތެއް ނުކުރެއެވެ. އެ ކަން ޔަޤީންކޮށްދީ ކެޓްޒް ބުނީ ޔަހޫދީންގެ މަދަނީ-އަސްކަރީ ފައުޖެއް ޣައްޒާގައި ޙަރަކާތްތެރިވާނެ ކަމަށެވެ.
ޣައްޒާގެ އިތުރުން ލުބުނާނާއި ސޫރިޔާގައި ޔަހޫދީ ސިފައިން ދެމިތިބޭނެ ކަމަށާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރާނެ ކަމަށް ވެސް ކެޓްޒް ބުނެފައިވެއެވެ.