ޚަބަރު

ޒުވާނުންގެ މެދުގައި އެއިޑްސްއަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ: ވަޒީރު ނާޠިމް


  • އެއިޑް ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރެވި ހާލަތު ގޯސް ނޫން ކަމަށް ވަޒީރު ވިދާޅުވި

  • ޒުވާނުން މި ބައްޔަށް ހުށަހެޅޭކަން ފާހަގަކުރެވިފައިވޭ

ޒުވާނުންގެ މެދުގައި އެއިޑްސް ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެއިޑް ދުވަސް ފާހަގަކުރުމަށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ ޢައިލީ ހަވީރު ފެށުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

ކޮންމެ އަހަރެއްގެވެސް އެއިޑްސް ދުވަސް ފާހަގަކުރަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރުގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރަނީ ގދ. އަތޮޅުގައެވެ. އެގޮތުން ތިނަދޫ ސިޓީގައި މިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ސިއްޙީ ވަޒީރު ވަނީ އެއިޑްސް ބައްޔައަކީ މިގެ ކުރިން ނުރައްކާތެރި އަދި ދުނިޔެ ކަންބޮޑުވާ ބައްޔެއް ނަމަވެސް މިއަދު ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއްކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށް އެކި ދުވަސްވަރު ކޮށްފައިވާ ކަންކަމުގެ ސަބަބުން މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްކަމަށް ދެންނެވެން ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ބަލިމަޑުކަމަށް ޒުވާނުން ހުށަހެޅެމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގެ ސިގްނަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ސަރުކާރުގެ މުޢައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްކާއި ގުޅިގެން މިކަމަށް ފޯކަލް ކޮށްގެން މަސައްކަތް ކުރާނަން. އިރަދާކުރެއްވިއްޔާ އެކަމުން ރަނގަޅު ނަތީޖާއެއް ލިބޭނެ. ކުރީގައި ހެލްތު ސެކްޓަރއިން ލިބިފައިވާ ކުރިއެރުންތަކޭ އެއްފަދައިން މިކަމުގައި ޒުވާނުންނަށް ޙައްސަކުރެވިގެން މަސައްކަތް ކުރެވިއްޖެނަމަ މިކަން ހާސިލްވާނެ ކަމަށް ކަށަވަރުވޭ. " ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ސިއްޙީ ދައިރާގެ މައްސަލަތައް ހައްލުކުރުމަކީ އެންމެ ގުޅިގެން ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކަށް ބަލާއިރުވެސް، ކުދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްގެން ރައްކާތެރިވެވޭނެ ބަލިތައް ހުރުމުން މިފަދަ ކަންކަން ހައްލުކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

އެއިޑްސް ދުވަސް ފާހަގަކުރުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގދ. އަތޮޅުގައި ހަފްތާއަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި، އެއަތޮޅުގެ 10 ރަށް ހިމެނޭ ގޮތަށް ހަރަަކާތްތައް ބޭއްވިފައިވާ ކަމަށް މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވިއެވެ.

ގދ. އަތޮޅުގައި އެއިޑް ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތްތައް

  • ޒުވާނުންނަށް އަމާޒުކޮށްގެން ރެޑް ރިބަން ޗެލެންޖް - އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވި
  • ސިއްޙީ އެހީތެރިންނަށް އަމާޒުކޮށްގެން ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
  • ތިނަދޫގެ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް މައިގްރެންޓް ހެލްތު ކޭމްޕެއް
  • މަސްތުވާތަކެތީގައި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ސްކްރީނިން އަދި އައުޓްރީޗް ޕްރޮގްރާމެއް
  • ތިނަދޫގައި ކުޑަކުދިންނަށް އަމާޒުކޮށް ބޭއްވި ޢާއިލީ ހަވީރު

އެޗްޕީއޭއިން ވިދާޅުވީ މިހަރަކާތްތަކުގައި ހުރިހާ އުމުފުރާއަކުން މީހުން ބައިވެރިވި ކަމަށާއި، މި ހަރަކާތްތައް ކަމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ.