ޚަބަރު

ކޮމަންވެލްތު ހޭންޑްބޯލް އޭޝިއާގެ ނައިބު ރައީސްގެ މަޤާމަށް މުޖުތަބާ


ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަން އޭޝިއާގެ ނައިބު ރައީސްގެ މަޤާމަށް ރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު މުޖުތަބާ އައްޔަނުކޮށްފިއެވެ.

މުޖުތަބާ މިމަޤާމަށް އިންތިޚާބުކޮށްފައި ވަނީ މިސްރުގައި ކުރިއަށް ދިޔަ ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވައިގެންނެވެ. މުޖުތަބާގެ އިތުރުން އެމަޤާމަށް ވާދަކުރެއްވީ އިންޑިއާގެ އަދޭޝްވަރު ޕެންޑީއެވެ.

މުޖުތަބާއަކީ ފެށުނީއްސުރެ ރާއްޖޭގެ ހޭންޑްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ފަރާތެކެވެ. އެގޮތުން މިކުޅިވަރު ތަރައްޤީ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އޭގެ އިތުރުން މިކުޅިވަރުގެ ޢުމްރާނީ ތަރައްޤީގައިވެސް މުޖުތަބާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މުޖުތަބާގެ ރައީސްކަމުގައި ހޭންޑްބޯޅައިން ރާއްޖެ ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތެވެ. ބައިނަލްއަޤްވާމީ މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ މުބާރާތެވެ.