ޚަބަރު

ތައިލެންޑް-ކެމްބޯޑިޔާ މައްސަލަ ޙައްލު ކުރަން އާސިޔާނުން މަސައްކަތް ފަށައިފި


ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމުގެ މަސައްކަތް، ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާނު)ން އަނެއްކާ ވެސް ފަށައިފިއެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އާސިޔާންގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މެލޭޝިޔާގައި ވަނީ ބާއްވާފައެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެެމެދު ޙަމަލާ ބަދަލު ކުރަމުން ދަނީ ސަރަަޙައްދީ އިމާ ގުޅޭ މައްސަލައެއްގައެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ފައުޖުތަކުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައިވާއިރު، ޙަމަލާތަކުގައި 60ށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި، ބައި މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ.

ޖުލައި މަހު ވެސް ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައިވާއިރު، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އާސިޔާންގެ ޤައުމުތަކުގެ ވެރިންނާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅިވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުއަލަ ލުމްޕޫރުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ތައިލެންޑާއި ކެމްބޯޑިޔާގެ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.