ކުޅިވަރު

ކޮއްކޮ: ދިވެހި ވޮލީގައި އިތުބާރު ބޮޑު ފަހުރުވެރި ނަމެއް


ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅު ރާއްޖޭގެ ވޮލީބޯޅަ މުބާރާތްތައް ނިމިގެން އިނާމް ދެމުންދާއިރު އެންމެ ގިނައިން އިވުނު އެއް ނަމަކީ އިބްރާހީމް އާދިލް (ކޮއްކޮ)ގެ ނަމެވެ.

ރޭ އަޅުގަނޑުމެންނާ ވަކިވެ، ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ކޮއްކޮ އަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އެވެ. މުބާރާތްތަކަށް ޓީމުތައް ތައްޔާރުވާއިރު އެންމެ ގިނަ ކޯޗުންނާއި ކުލަބުތަކުގެ ވެރިން އެންމެ އިސްކޮށް ހޯދީ އޭނާގެ ސޮޔެވެ. އެންމެ މުހިންމު ސަބަބަކީ ކޮއްކޮއަކީ އަބަދުވެސް އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިއަކަށްވުމެވެ. އޭނާ އަކީ އަހުލާގީ ގޮތުން ނަމޫނާ ކުޅުންތެރިއެކެވެ. މައްސަލަތައް މަދު އަދި ކޯޗުން ބުނާ ކޮންމެ ގޮތަކަށް ކޮންމެ ވަގުތަކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނަ ކުޅުންތެރިއަކަށްވުމެވެ. އެންމެނާ ވެސް ގުޅޭ މީހެކެވެ.

މެދުނުކެނޑި 20 އަހަރު އެންމެ މަތީ ފެންވަރުގައި އޭނާ އަށް ވޮލީގައި ފައިހަމަކުރެވުނު މައިގަނޑު އެއް ސަބަބަކީ ވެސް މިއީ އެވެ. ކޮއްކޮ އެންމެ ފާހަގަ ކުރެވުނީ ހަރަކާތް އަވަސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ އަކީ މިސްޓޭކް މަދު އަދި ކޯޓު މަތީގައި އަބަދުވެސް ޓީމަށް ފައިދާހުރި ކުޅުންތެރިއެކެވެ. މެދުން އެޓޭކް ކުރަން ރާއްޖޭގައި ފެނިގެންދިޔަ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާގެ ރިސީވްތަކާއި ބްލޮކްތަކާއި ބާރު ޖެހުންތަކާއި އަވަސް ވައްޓާލުންތަކުން ފައިދާކުރި ޓީމުތަކާއި އުފާވެރިކަން އިހުސާސްކުރި ކޯޗުން މަދެއްނުވާނެ އެވެ.

ކުލަބު ވެލެންސިއާއިން ވޮލީގެ ތެރެއަށް ވަދެ ކޮއްކޮ ވަނީ ރާއްޖޭގެ ބޮޑެތި ވޮލީ ޓީމުތަކުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އާދައިގެ ޓީމަކާއެކު ވެލެންސިއާއިން ގައުމީ ތަށި ހޯދައިދިނުމަށްފަހު ނިއުރޭޑިއަންޓާއި ވިކްޓަރީގެ ކުލާގައި ވެސް އޭނާ ކާމިޔާބު ހޯދި އެވެ. ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ތަފާތު ގިނަ ޓީމުތަކަށް ކުޅުނު ކުޅުންތެރިޔާ ދެން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އައްޑު އަތޮޅު ހިޒް ކުލަބުންނެވެ. އެ ޓީމުން ގައުމީ ތަށި މިލްކުރިއިރު ކޮއްކޮ މުހިންމު ދައުރެއް އަދާކޮށްދިނެވެ. އޭގެ ފަހުން އައްޑޫ އަށް ނިސްބަތްވި އައްޑޫ ސްޕޯޓްސް ކުލަބުން ވެސް ގައުމީ ތަށި އަމިއްލަ ކުރީ ވެސް އޭނާގެ މޮޅު ކުޅުމާ ވެސް އެކުގަ އެވެ.

ކޮއްކޮ އަކީ އެފަދަ ދެވަނަ އެއްނެތް މޮޅު ކުޅުންތެރިއެއް ސާބިތުކޮށްދޭން ޖެހޭ އެންމެ މުހިންމު ކަމަކީ އޭނާ ހާސިލްކުރި ރާއްޖޭގެ އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމެވެ. ވޮލީގެ ފޯރި އާއި ގަދަ ބާރުތައް ތިބި ވަގުތު އަދި ހާއްސަކޮށް ރާއްޖެ ދުށް އެންމެ ވަރުގަދަ ސްޕައިކަރުން ފަހަތަށްލުން ފަސޭހަނޫން ވަގުތެއްގައި ކޯޓުގެ މެދުން އަރައި އޭނާ ހޯދި މޮޅު ކުޅުންތެރިޔާގެ މަގާމަކީ އާދަޔާ ހިލާފު ފޮނި ކާމިޔާބީ އެކެވެ. ދުވަހު ނޫސް ހަވީރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2005 ވަނަ އަހަރު ގެންދިޔައީ އަހަރުގެ ސީޒަނުގެ އިތުރަށް ދިވެހި ގައުމީ ޓީމުގައި ވެސް މޮޅަށް ކުޅެފަ އެވެ.

ކުލަބު ވެލެންސިއާ އާއި ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާގެ މޮޅު ކުޅުން ސާބިތުކޮށްދިން އަނެއް މުބާރާތަކީ 2003 ވަނަ އަހަރުގެ ވޮލީބޯޅަ އިންވިޓޭޝަން ކަޕެވެ. ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ލަންކާ އަދި ޕާކިސްތާނާއި އިންޑިޔާގެ ކުޅުންތެރިން މާމަތީގައި ތިއްބައި އޭނާ އެންމެ މޮޅު ރިސީވަރުގެ މަގާމު ކޮއްކޮ ގެންދިޔައިރު އެފަހަރު ސްޓޭޖުން ފުރުސަތު ލިބުނު ހަމައެކަނި ދިވެއްސަކީ ވެސް އޭނާ އެވެ.

ކޮއްކޮ އަކީ ވޮލީގެ ލެޖެންޑެކެވެ. ކުޅިވަރަށް ހިދުމަތްތަކެއް ކޮށްދިން ހުނަރުވެރިއެކެވެ. އަހުލާގު ރަނގަޅު ނަމޫނާ އެކެވެ. އެއީ ދިވެހި ވޮލީން ފެނުނު އެންމެ އިތުބާރުބޮޑު އެއް ނަމެވެ. އޭނާގެ ހަނދާންތައް ދިވެހި ވޮލީގައި އަބަދުމެ ދެމި ހުންނާނެ އެވެ.