އޭޝިޔާގައި ވެސް ނޭޝަންސް ލީގު ފަށަން ތައްޔާރުވެއްޖެ އެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަނުން މި ގޮތަށް ނިންމީ އޭޝިޔާގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކުރުމަށާއި ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށެވެ. ނަމަވެސް މުބާރާތް ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ.
"އޭއެފްސީ ނޭޝަން ލީގު ވާނީ އޭޝިޔާގެ 47 ގައުމުގެ ކުރިއެރުމަށް އަހަރުމެން ކުރިއަރަން ކުރާ މަސައްކަތުގެ އާ ހަރުފަތަކަށް. . ރޭވުންތެރިކާއެކު ފަށާ މި މުބާރާތުގެ ސަބަބުން އޭޝިޔާގެ ހުރިހާ ގައުމަކަށް ވެސް ކުރިއެރުން އަންނާނެ. އަހަރުމެން އަމާޒަކީ ގަވާއިދުން ބޭއްވޭނެ އަދި ފެންވަރު ރަނގަޅު މެޗުތަކެއް ހޯދައިދިނުން އަދި މިއީ ހަރަދު ކުޑަ، އިންތިޒާމްތަކުގެ މަސައްކަތް ކުޑަ މުބާރާތަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،" އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންސާ ޖޯން ވިދާޅުވި އެވެ.
އޭޝިއަން ނޭޝަންސް ލީގު ބާއްވާނީ ފީފާ އިންޓަނޭޝަނަލް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައި މެޗުތައް ކުޅެން ކަމަށް ވެސް ވަނީ ވިސްނާފައި ކަމަށް ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
އޭޝިޔާގެ ގައުމުތައް މި މުބާރާތް ކުޅެން ބަހާލާފައިވަނީ ތިން ގްރޫޕަކަށެވެ. މީގެ ތެރެއިން ދިވެހިރާއްޖެ ހިމެނެނީ އެންމެ ބަލި ގައުމުތައް ހިމެނޭ ތިން ވަނަ ގްރޫޕުގެ އެވެ. ދެކުނު އޭޝިޔާ ނުވަތަ ސާކްގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ ފިޔަވައި އަނެއް ހަ ގައުމު ވެސް ހިމެނެނީ މި ގްރޫޕުގަ އެވެ. ދެން ހިމެނެނީ ކެމްބޯޑިއާ އާއި ޗައިނީސް ޓައިފޭ ފަދަ ގައުމުތަކެވެ.