ޚަބަރު

ކައުންސިލް އިންތިޚާބު: އޮފިޝަލުން ހޯދަން ހުޅުވާލި މުއްދަތު އިތުރުކޮށްފި


  • މަރޗް 22 އާ ހަމައަށް ފުރުސަތު ވަނީ އިތުރުކޮށްފައި

  • އޮފިޝަލުންނަށް އެދެވޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް

  • މާލެ ސަރަހައްދަށް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށް ވިދާޅުވޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ މާރޗުމަހުގެ 22ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށެވެ. މިމުއްދަތު އިތުރުކުރީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ އިރު، މިހާތަމަށް ލިބިފައިވަނީ 5000 އެޕްލިކޭޝަންކަމަށްވާތީ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދި ވެސް އިތުރަށް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ވީ އެންމެ އަވަހަށް އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ. އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދިނުމަށްވެސް އެ ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުން ނުދާ ފަރާތްތަކަށެވެ. އަދި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައިފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމަކީ އޮފިޝަލުންގެ ޝަރުތުތަކެވެ.

އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،900 ރުފިޔާގެ އުޖޫރައެއް ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2،300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1،800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1،000 ރުފިޔާ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށް، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.