އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ޕްރިމިއާ ލީގުގައި މިއަދު ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށެވެ.
"މިއީ އަބަދުވެސް ދެކެވޭ ވާހަކަތަކެއް. އަހަރެން މި ކްލަބުގައި އަބަދަކު ނުހުންނާނެ. އަދި ވަގުތު ޖެހުމުން އެކަން އެނގިގެންދާނެ. އަހަރެންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުގައި މި ކްލަބަށް އެހޭވުމުގެ މަސައްކަތް މި ކުރަނީ." ގަޑިއޯލާ ބުންޏެވެ.
"އަހަރެންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަކަށް ނުދޭ. އަދި އެ ކަމާއިމެދު ގޮތެއް ނިންމުމުގެ ވަގުތެއްވެސް ނޫން އަދި މިއީ." ގަޑިއޯލާ އިތުރަށް ބުންޏެވެ.
މެންޗެސްޓަރ ސިޓީ އާއިއެކު ގަޑިއޯލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އެ މަގާމާއި ހަވާލުވުން އެންމެ ގާތީ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ކަމަށް އިނގިރޭސި މީޑިޔާ ތަކުން ބުނި ނަމަވެސް މަރެސްކާ ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.
ގަޑިއޯލާ އިތުރަށް ބުނެފައިވަނީ ކްލަބާއިއެކު ކިތަންމެ ދިގު މުއްދަތެއްގެ އެއްބަސްވުމެއް އޮތް ނަމަވެސް ފުޓްބޯޅަ މިހާރު ބަދަލުވަމުންދާ ގޮތުން ކުރިއަށް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މެޗުތަކުން ރަގަޅު ނަތީޖާތަކެއް ނެރެވޭތޯ ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ.
މެންޗެސްޓަރ ސިޓީ އާއި ހަވާލުވުމަށްފަހު ގަޑިއޯލާ ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު މަތިން އިނގިރޭސި ޕްރިމިއާ ލީގު ވަނީ ކާމިޔާބުކޮށްދީފަ އެވެ.