ޚަބަރު

ޑްރަގަށް ޖާގައެއްނެތް، 1.1 ޓަނުގެ ޑްރަގު ހިފަހައްޓައިފި


  • ދެއަހަރު ތެރޭ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރާ

  • ސަރުކާރުގެ އަމާޒަކީ ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލުން

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައެވެ. ސަރުކާރުތަކުން މި މައްސަލަ ހައްލު ކުރަން އެކި މަސައްކަތްތައް ކުރެވުނު ނަމަވެސް މިހާތަނަށް މިކަމަށް އެކަށީގެންވާ ހައްލުތަކެއް ލިބިފައި ނުވެއެވެ. މި ވަބާގައި ޖެހޭ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން އަޅަން ނުކެރުނު އެތައް ފިޔަވަޅުތައް އަދުގެ ސަރުކާރުން އަންނަނީ އަޅުއްވަމުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތީ އެތެރެކުރާކަމަކީ އެއްވެސް ބަޔަކަށް ސިއްރު ކަމެއް ނޫނެވެ. ވައިގެ މަގުންނާއި ކަނޑުމަގުން އެކި ގޮތްގޮތަށް މިތަކެތި ރާއްޖެއަށް އެތެރެކުރެއެވެ. މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށް، ނުޙައްގުން މުއްސަނދިވެފައިވާ އެތައް ބަޔަކުވެސް މިއަދު ރާއްޖޭގައި އެބަތިއްބެވެ. މި ވާހަކަތައް މީގެ ކުރިން ދެއްކި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި މުޖުތަމަޢު މި ވަބާއިން ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ.

އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް އަދުގެ ސަރުކާރުން މަސައްކަތް ފެއްޓެވީ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެންނެވެ. އިމިގްރޭޝަނާއި ކަސްޓަމްސް އާއި ފުލުހުން ފަދަ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މި ދެ އަހަރު ދުވަހުގެ ތެރޭގައި 1.1 ޓަނުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މިއީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ފުރަތަމަ ފަހަރުކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

"މަގުމަތީ އަގުގަ 2.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި މިވަނީ ހިފެހެއްޓިފައި. މިއީ އަޅުގަނޑުމެންގެ ތާރީޚުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓުނު ދެ އަހަރު،" ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ޤާނޫނުތަކުގައި ހުރި "ލޫޕް ހޯލްސް"ތަކުގެ ސަބަބުން ފިޔަވަޅު ނޭޅޭ ވާހަކަތަކަކީވެސް އެތައް ފަހަރަކު ދެކެވި ނަމަވެސް ހައްލު ނުހޯދި އޮތް ކަމެކެވެ. އަދުގެ ސަރުކާރުން ޤާނޫނީގޮތުން އޮތް އެ ހުރަސްތައްވެސް ނައްތާލައި، އެފަދަ ވިޔަފާރި ކުރާ ފަރާތްތަކާމެދު ހަރުކަށި އަދަބު ދެވޭގޮތަށް ޤާނޫނުތައް މިހާރު ވަނީ އިސްލާހުކުރައްވާފައެވެ. އަދި މި މަސައްކަތުގެ ދަށުން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ، 100އަށްވުރެ ގިނަ މީހުން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަންދުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވި ގޮތުގައި މިއަހަރު އެކަނިވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 951 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިއަހަރު ތެރޭގައި އެ މުއައްސަސާއިން އެކަނި 865 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި 656 މައްސަލައެއް މިހާރު ލޮޖް ކުރެވި އޭގެ ތެރެއިން 263 މައްސަލައެއްގައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ ޚިދުމަތުން ފޮނުވާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަކީ ރާއްޖޭން ބޭރުން އެތެރެކުރާ އެއްޗަކަށްވުމުން އެތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޤާނޫނު އިސްލާހު ކުރެއްވީވެސް މި ސަރުކާރުންނެވެ. އެއީ މަރުގެ އަދަބެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

ޤާނޫނަށް ގެނައި އިސްލާޙުގައި މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުން ކަމަށް ބަޔާންކޮށްފައިވާއިރު އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި މަސްތުވާތެކީގެ ވިޔަފާރީގައި ދިވެހީންގެ އިތުރުން ބިދޭސީންވެސް ހަރަކާތްތެެރިވެއެވެ. ބަނގުރާ ކައްކައިގެން އޭގެ ވިޔަފާރި ކުރުމާއި ދިވެހީންނާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބިދޭސީންވެސް ދޭތެރެ ދޭތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އެފަރާތްތައް ހުއްޓުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 121 ބިދޭސީން ޑިޕޯޓް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި ވަބާ އެއްކޮށް ރާއްޖޭން ނައްތާލުމަށް އަދުގެ ސަރުކާރުން އަމާޒު ހިފާފައިވާއިރު މަސްތުވާތެކަތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެ ފަރާތްތަކަކީ ޒިންމާދާރު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.