ޚަބަރު

އިންޑިއާއަށް ފަހު މެސީ އައީ ރާއްޖެއަށް


  • މެސީގެ އިންޑިއާ ދަތުރަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ދަތުރެއް

  • މެސީ ރާއްޖެ އައީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ އެކުވެރި ސުއަރޭޒް އާއެކު

ދުނިޔޭގެ ފުޓްބޯޅައިގެ މަގްބޫލު ތަރި ލިއޮނަލް މެސީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ. މެސީ ރާއްޖެ އައިސްފައިވަނީ 17 ޑިސެމްބަރުގައެވެ.

އޭނާ ޗުއްޓީ ހޭދަކުރީ ވަލްޑޯލްފް އެސްޓޯރިއާ އިތާފުށީގައެވެ. މެސީގެ މި ދަތުރަކީ އިންޑިއާއަށް އޭނާ ކުރި ދަތުރަށްފަހު އަރާމުކޮށްލުމަށްޓަކައި ރާއްޖެއަށް ކުރި ދަތުރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިތާފުށި ރިސޯޓުގައި މެސީ ޗުއްޓީ ހޭދަކުރީ އޭނާގެ ޒަމާންވީ ގާތް އެކުވެރިޔާ އަދި އޭނާ އާއި އެކު ބާސެލޯނާއިން ފެށިގެން އެމެރިކާގެ އިންޓަމަޔާމީއަށް ކުޅެމުން އަންނަ އުރުގުއާއީގެ ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒްއާއިއެކުގައެވެ.

މެސީ ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ހާޑްރޮކް އިންޓަނޭޝަނަލް އާއި އެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން ކުރިޔަށް ގެންދިޔަ "ކެޕްޓަން މެސީ ކެމްޕެއިންގެ" ތެރެއިން 2024 ވަނަ އަހަރުވެސް އޭނާ ވަނީ ރާއްޖެ އައިސްފައެވެ.

ބްރޭންޑް އެމްބެސެޑަރޝިޕްގެ ދަށުން 2013 ވަނަ އަހަރުވެސް މެސީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. 2013 ވަނަ އަހަރު މެސީ ރާއްޖެ އައީ ރާއްޖޭގައި ޝޫޓު ކުރި ޓާރކިޝް އެއަރލައިންސްގެ އިސްތިހާރެއް ކުޅުމަށެވެ. މި ފަހަރު ރާއްޖެ އައީ ސުއަރޭޒްއާއި ދެމީހުންގެ އަމިއްލަ ޗުއްޓީ ދަތުރެއްގައެވެ.

އިންޑިއާއަށް ކުރި ދަތުރަށްފަހު ރާއްޖޭގައި ކުރު ޗުއްޓީއެއް ހޭދަކޮށް މިހާރު މެސީ އާއި ސުއަރޭޒް ވަނީ އެނބުރި އާޖެންޓީނާއަށް ގޮސްފައިވަކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މެސީގެ އިންޑިއާ ދަތުރުގައި ކަލްކަތާއާއި މުންބާއީ އާއި ނިއުދިއްލީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަންބާނީގެ ހާއްސަ ދައުވަތަކަށް ޖަމްނަގަރަށް ޒިޔާރަތްކޮށް އަންބާނީގެ ވަންތާރާގައިވެސް އެއްދުވަސް ހޭދަކުރިއެވެ.

މެސީގެ އިންޑިއާ ދަތުރުގައި މެސީ ދެކިލަން ގިނަ އަދަދެއްގެ ބަޔަކު ބޮޑޫ އަގުގައި ޓީކެޓު ނަގައިގެންވެސް ނުފެނު މައްސަލަ ގޯސްވެ ހަމަނުޖެހުން ހިންގާ އިންޑިއާގައި މަޝްރަހު އޮތީ ގޯސްވެފައެވެ. އަދި ސަޕޯޓަރުންނަށްވުރެ ބޮޑު ސިޔާސީ ވެރިންނާއި ފިލުމުސްޓާރުން ފަދަ ނުފޫޒު ގަދަ މީހުންގެ ސަބަބުން މެސީއަށް ސަޕޯޓަރުންނާއެކު އެކަށީގެންވާ ވަރަށް ވަގުތު ހޭދަނުކުރެވުނު މައްސަލަ ހޫނުވެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ރައްޔިތުން ވަނީ ހަމަނުޖެހުންވެސް ހިންގާފައެވެ.

އިންޑީއާ ދަތުރު ނިންމާލުމަށްފަހު މެސީ އާންމުކުރި ވީޑިއޯއެއްގައި އެއްވެސް ސިޔާސީ ލީޑަރެއް ނުވަަ ފިލްމު ސްޓާރުންނާ ބައްދަލުކުރި ފޮޓޯ އާއި ވީޑިއާ ނުހިމަނާ އާންމުކުރީ އިންޑިއާގެ ފުޓްބޯޅަ ފޭނުންނާއި، ކުޑަކުދިންނާއެކު އޭނާ ނަގާފައިވާ ފޮޓޮއާއި ވީޑީއޯއެވެ.