ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިއާ ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެ ކުރިއަށް ޖެހިލައިފިއެވެ. ގްރީން މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
މި ނަތީޖާއާ އެކު ގްރީން ވަނީ ލީގުގައި ކުޅުނު 11 މެޗުން ހޯދި 8 ޕޮއިންޓާ އެކު ތާވަލުގެ 7 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިއާ އެކު މާޒިޔާ އަތުން ޕޮއިންޓެއް ހޯދީ ޓީސީ ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ. އެއީ 11 މެޗުން ހޯދި 6 ޕޮއިންޓާ އެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން ވެލެންސިއާ އެޓޭކްތަށް ކުރި ނަމަވެސް ގްރީން އިން އުފެއްދި ފުރަތަމަ ހަމަލާ އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނިޓުގައި ގްރީންގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން މިސްރުގެ ކުޅުންތެރިއާ އެލް ސައީދު އަބްދުލްފައްތާހު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާ އެދެވޭ ފުރުސަތެއް ގްރީންއަށް ނުލިބުނު ނަމަވެސް ވެލެންސިއާ އިން ވަނީ އެޓޭކުތައް އުފެއްދުމަށް މަސައްކަތް ކޮއްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވެލެންސިއާ ކުރިއަށް ޖެހި ހަމަލާ އުފެއްދުމަށް ވަނީ މަސައްކަތް ކޮއްފައެވެ. އެގޮތުން އެޓީމުގެ އީތަން އިބްރާހިމް ޒަކީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ކީޕަރު ދިފާއުކޮއްފައެވެ.
މި ހާފުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައީ ވެލެންސިއާ އައިދު މުހައްމަދު ޖަވީޒް އަށެވެ. 61 ވަނަ މިނިޓުގައި އައިދު އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިންނެވެ.
މެޗުގެ އިތުރު ވަގުތު ތެރޭގައި ގްރީންއަށް ލީޑް ފުޅާކޮއްލަން ހުޒާމް ހަމީދު އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދަޔައީ ހުރަސް ދަނޑިމަތިންނެވެ.
ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ލަނޑުން ވެލެންސިއާ އެވެ. މިރޭގެ މެޗު ކާމިޔާބު ކުރުމާއެކު މިއީ ލިގުގައި ގްރީން ހޯދި ދެވަނަ މޮޅެވެ.