ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި


  • ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިމަހު 17ވަނަ ދުވަހު

  • ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންން ކަމަށެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.

މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤު ކުރިއަށްގަންދަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.