އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގެ ފޯވަޑް ލުއިސް ސުއަރޭޒް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އުމުރުން 38 އަހަރުގެ އުރުގުއޭއަށް އުފަން ލުއިސް ސުއަރޭޒް މަޔާމީ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވަނީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށެވެ. އެހެންކަމުން މިއީ 2023 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާ އިން ލުއިސް ސުއަރޭޒް އިންޓަރ މަޔާމީ އާއި ގުޅުނު ފަހުން އޭނާގެ ކޮންޓްރެކްޓް އައު ކުރާ ތިންވަނަ ފަހަރެވެ.
ސުއަރޭޒް އާއިއެކު ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކުރި އާޖެންޓީނާގެ ލިއޮނެލް މެސީވެސް ކުޅެމުންދާ އިންޓަރ މަޔާމީ އާއިއެކު ސުއަރޭޒް ވަނީ ނިމިގެންދިޔަ ސީޒަނުގައި އެމްއެލްއެސް ކަޕްގެ އިތުރުން އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ސުއަރޭޒް ވަނީ 2025 ވަނަ އަހަރު އިންޓަރ މަޔާމީ އަށް ކުޅެދިން 50 މެޗުގައި 17 ލަނޑު ޖަހާ 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ފާއިތުވެދިޔަ ދެ ސީޒަނުގައި ސުއަރޭޒް ވަނީ އިންޓަރ މަޔާމީ އަށް ޖުމްލަ 42 ލަނޑު ޖަހާ އެ ކްލަބަށް އެންމެ ގިނައިން ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.