ޚަބަރު

ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސް


  • ވިޔަފާރިވެރިންނަށް ކޮންމެ ޚިޔާލެއް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ވިދާޅުވި

  • ވިޔަފާރިވެރިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީ ރައީސް ޝުކުރު އަދާކުރެއްވި

ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދުފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށްކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ސޯޝަލް ސެންޓަރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުން ފައްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުވުމުގައި ބައިވެރިވެލެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވިޔަފާރިވެރިންނާއި އެކު ބާއްވާ ބައްދަލުވުމަކީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ނުވަތަ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެކަންކަން ވިޔަފާރިވެރިން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްވެސް ކުރިއެރުމަށް މަސައްކަތްތައް ސިޔާސަތުތައް ބައްޓަންކޮށްގެން. އެހެންވީމަ ތިބޭފުޅުންގެ ވާހަކަފުޅުތައް މިގޮތަށް މަސައްކަތް ކުރުމަށް މުހިންމު އެއްޗަކަށް ވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިޔަފާރިތަކުގެ ކުރިއެރުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިގޮތުން ސަރުކާރުން ވަނީ ދިވެހިން ކުރިއަރަމުން އަންނަ ވިޔަފާރިތަކުގައި ބިދޭސީން ހަރަކަތްތެރިވުން ހުއްޓުވުމަށް، ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭ ދާއިރާތަކުގެ އިތުރުކޮށްފައެވެ. މިހާރު 34 ދާއިރާއެއްގައި ހަމައެކަނި ދިވެހިންނަށް ވިޔަފާރި ކުރެވޭ ގޮތަށް ވަނީ ޤާނޫނާއި ޤަވާއިދުތައް އިސްލާހުކޮށްފައެވެ.

މީކަން ތަންފީޒުކުރުމަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ވުޒާރާއި އަދި ދާޚިލީ ވުޒާރާ އަދި މި ވުޒާރާތަކުގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މިފަދަ 30 އަށް ވުރެ ގިނަ ވިޔަފާރިއެއް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން ވިޔަފާރިތަކުގެ އުފެއްދުންތައް ހިމާޔަތް ކުރުމާއި ފިކުރީ މުދާ ހިމާޔަތް ކުރުމާއި ގުޅޭ 2 ޤާނޫނަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި އިސްލާހުތަކާއެކު ދިވެހިރާއްޖޭގައި ވިޔަފާރީގެ އުފެއްދުންތަކަަށް ބައިނަލްއަޤްވާމީ ގޮތުންވެސް ހިމާޔަތް ލިބޭނެކަން ކަށަވަރުކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިމަސައްކަތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޭރުފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް އިސްލާހު ގެނެވި، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރުފައިސާގެ ތެރެއިން 20 އިންސައްތަ ބޭންކުތައް މާރުކުރާ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ. މި ބަދަލާއެކު ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ބޭރުފައިސާގެ ނިސްބަތް 50 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.

ސަރުކާރުން ދަނީ ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ފަންނުވެރިކަމާއި އުފެއްދުންތެރި އިޤްތިޞާދެއް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވަނީ، ޤައުމުގެ ޖީޑީޕީ 15 އިންސައްތަ ޙިއްސާކުރާނީ، ފަންނުވެރިކަމުގެ އިޤްތިޞާދު ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިމަގަށް މަސައްކަތް ކުރުމަށް ޤައުމީ އުފެއްދުތެރިކަމުގެ މަޢުރަޒުގެ ނަމުގައި މިއަހަރު ވަނީ މިހާތަނަށް ބޭއްވި އެންމެ ބޮޑު މަޢުރަޒު ބާއްވާފައެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތާއިއެކު ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް 2040 ވަނަ އަހަރު އަންނަން ވާއިރަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކެވެ.