ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މީގެތެރޭގައި ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖުތިމާޢީ އަދި ޢާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ.
މީގެ އިތުރުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް، ޤައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް މީގެތެރޭގައި ހިމެނެއެވެ. މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ ދެންނެވުމުގައި ވަނީ ހިމަނާފައެވެ.
މިއާއިއެކު، މިތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.