ޚަބަރު

ރާއްޖެއާ ޗައިނާ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފި


  • މިބައްދަލުކުރެއްވުމުގައިވަނީ ޗައިނާއާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައި

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ، ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވާ އެކި މަޝްރޫޢުތަކުގެ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، ވޮންގް ޑޮންގްމިންވަނީ ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު ދެޤައުމުގެގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ޤާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.

އަދި އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުންފުޅަކީ ދެޤައުމާއި އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަންވެސް ވޮންގް ޑޮންގްމިންގ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްވަފުދެއްވަނީ ބައިވެރިވެވަޑައިގެންފައެވެ.