ންޑިޔާގެ ބައެއް މީހުން ވަނީ އެ ގައުމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ކުރާ ދަތުރުގައި އޭނާ ދެކިލަން 12000 ރުޕީސް ހަރަދުކޮށް ޓިކެޓް ގަނެފަ އެވެ. ނަމަވެސް މިހާރު މައްސަލަ އުފެދިފައިވަނީ މިހާ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރުމުން ވެސް މެސީ ހަމަލޮލަށް ނުފެނުމުގެ މައްސަލަ އެވެ. މިކަމާ ސަޕޯޓަރުން ވަނީ ހަޅުތާލު ވެސް ކުރަން ފަށައިފަ އެވެ.
ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމު ކަމަށްވާ އިންޑިޔާގެ ހަތަރު ސްޓޭޓަކަށް މެސީ ކުރާ ދަތުރުގައި ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަނީ ވަރުގަދަކޮށްފަ އެވެ. ގިނަ ބަޔަކަށް މެސީ ނުފެނިގެން އުޅޭ ސަބަބަކީ ވެސް އޭނާ ދުށުމަށް ބައެއް މީހުން ސަލާމަތީ ސަފުތައް ތޮރުފާލާފައި ވަންނަމުންދާތީ އެވެ.
މިކަމާހުރެ ބައެއް ސަޕޯޓަރުން މިހާރު ވަނީ މެސީގެ ދަތުރު އޮގަނައިޒްކުރި ފަރާތްތައް ހިސާރު ކުރަން ދިމާކޮށްފަ އެވެ. ބައެއް ސަޕޯޓަރުންވަނީ އިވެންޓްގެ ބައެއް އޮގަނައިޒަރުން ހިފަހައްޓާފަ އެވެ. އެއީ ކަލަކަތާގެ 80000 މީހުންގެ ސޯލްޓްލޭކް ސްޓޭޑިއަމު ފުރެންދެން ޓިކެޓް ވިއްކާފައި އިވެންޓްގެ ރާވާފައިވާ ގޮތުގެ ފެންވަރު ދަށްވުމާއި މެސީގެ ހަރަކާތްތައް ނުފެނުމުންނެވެ.
"އަހަރެން ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެން ޓިކެޓް ނެގީ. އެކަމަކު މެސީ އެއް ނުފެނުނު. މެސީ ފެންނަނީ ފިލްމްސްޓާރުންނާއި ކުޅިވަރު ތަރިންނަށް އެކަނި. ދެން ޕޮލިޓީޝަނުންނަށް. މިއީ ވަރަށް ބޮޑު މައްސަލައެއް. އަހަރެން އައީ އެ މީހުން ބަލާކަށްނޫން. އަހަރެންނަށް މެސީ ފެންނަން ޖެހޭނެ. އަދި އަހަންނަށް މީގެ ބަދަލު ވެސް ދޭން ޖެހޭނެ،" ކަލްކަތާގެ ސަޕޯޓަރަކު ބުންޏެވެ.
އިންޑީޔާގައި ކަލްކަތާ އާއި ގޯއާ އަކީ ފުޓްބޯޅައިގެ މަގުބޫލުކަން ބޮޑު ދެ ސްޓޭޓެވެ. މެސީ ވަނީ އިއްޔެ ކަލްކަތާގައި ކުޑަކުދިންނާއި ހާއްސަ މެޗެއް ވެސް ކުޅެފަ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާހުރެ އިވެންޓްތައް ރާވާފައިވާވަރަށް ކުރެ މާކުރިން ނިންމާލާތީއާއެކު އޭނާ ހަމަލޮލަށް ނުފެނިގެން ބައެއް ސަޕޯޓަރުން ވަނީ ދަނޑުގެ ގޮނޑިތައް ވެސް ދަނޑަށް އުކާލައި ހަމަނުޖެހުން ހިންގާފަ އެވެ.
އިންޑިޔާ އާއި ބަނގްލަދޭޝް ފަދަ ގައުމުތަކުގައި މެސީ އަކީ މަގުބޫލު ކުޅުންތެރިއެކެވެ. ހާއްސަކޮށް އެންމެ ފަހުގެ ވޯލްޑް ކަޕާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ ސަބަބުން މި މަގުބޫލުކަން ވަނީ ކުރިއަށްވުރެ މާބޮޑުވެފަ އެވެ.
މެސީ އާއި އޭނާއާއެކު އެމެރިކާގެ އިންޓަމިއާމީ އަށް ކުޅޭ އާޖެންޓީނާގެ ޑިޕައުލް އާއި އުގުރުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ބައިވެރިވާ މި ދަތުރުގައި އިންޑިޔާގައި ވަނީ މެސީގެ ހަނދާނީ ބިނާތަކެއް ވެސް ތައްޔާރުކޮށްފަ އެވެ.