ޚަބަރު

އަލްމަރުހޫމް ޙުސައިން ވަހީދުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި


  • މި މިސްކިތަކީ، އަލްމަރުހޫމް ޙުސައިން ވަހީދުގެ ޚަރަދުގައި ބިނާކުރި މިސްކިތެއް

  • މިއީ، 400 މީހުންގެ ޖާގައިގެ މިސްކިތެއް

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ޙުސައިން ވަހީދުގެ ހަނދާނުގައި ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

މަސްޖިދުލް ނޫރުގެ ނަމުގައި ފޯކައިދޫގައި ބިނާކުރި މި މިސްކިތް ހުޅުވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި، އަލްމަރްހޫމް ޙުސައިން ވަޙީދުގެ ދަރިކަލުން އަޙްމަދު ނަވީން ޙުސައިންއެވެ. މި މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، ޝެއިޚް އަޙްމަދު ސަމީރެވެ.

400 މީހުންގެ ޖާގައިގެ މި މިސްކިތަކީ، އަލްމަރުހޫމް ޙުސައިން ވަހީދުގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

ދެ އަހަރެއްހާ ދުވަހު ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހުސެއިން ވަޙީދު ނިޔާވީ، 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. އެއިރު އުމުރުފުޅުން 53 އަހަރުއެވެ. ނިޔާވިއިރުވެސް ޙުސެއިން ވަޙީދަކީ، ކޮމަންޑޫ ދާއިރާގެ މެމްބަރެވެ.

މަޝްހޫރު ޓިމްބާ ހައުސްއާއި ޔުނައިޓެޑް ފުޑް ސަޕްލައިގެވެސް އެއް ހިއްސާދާރު ހުސެއިން ވަޙީދު އަވަހާރަވިއިރު، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިންވެސް އެއް ދައުރު ފުރިހަމަ ކުރައްވާފައެވެ.