ށ. ފުނަދޫގެ ދަށްފަޅުގައި ތަރައްޤީކުރަނީ 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ށ. ފުނަދޫ ދަށްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް އާދެއެވެ. މިފަޅު ތެރޭގައި ބޮޑެތި ކަކުނި ނުވަތަ މަޑް ކްރޭބް އާލާވެއެވެ. މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް އިސްކަންދީގެން މި ފަޅު ހިމެނޭ ސަރަޙައްދަކީ އީކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.
ފުނަދޫ ދަށްފަޅުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރި ފަރާތްތަކުން ބިޑް ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލާފައިއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ބިޑް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފާއެވެ. ޓޫރިސްޓު ހޮޓަލުގައި 50 ކޮޓަރި ތަރައްޤީ ކުރާއިރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ހޮޓަލަކީ މަދުވެގެން 100 އެެނދުގެ ހޮޓަލެއް ކަމަށެވެ.
ފުނަދޫ ކައުންސިލުން ދަނީ އެރަށުން ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރައްޤީ ކުރާނެ ގޮތުގެ މާގު ޗާޓު އެކުލާވާލުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގައި ހިމެނޭ އީކޯ ޕާކުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރާއިރު، ތަފާތު މޫދު ކުޅިވަރުތައް ކުޅުމާއި، އަދި މި ތަނަށް އަންނަ ފްލެމިންގޯ ފަދަ ދޫނިތައް ބަލާނެ ޕްލެޓްފޯމަކާއި، ބޮޑެތި ކަކުނިތައް (މަޑް ކްރޭބް) އާލާ ކުރާނެ މަރުކަޒުތަކާއި، ފްލޯޓިން ރެސްޓޯރެންޓެއްވެސް ހިމެނޭ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެ.
ށ. ފުނަދޫ ދަށްފަޅުގައި އިކޯ ޓުއަރިޒަމް ތަރައްޤީ ވެގެންދާއިރު މި ސަރަހައްދާއި މި އަތޮޅަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް ޤުދުރަތީ މާހައުލުތައް ބަލާލުމާއި، ހިތްހަމަޖެހުން ހޯދުމަށް މަގުފަހި ވެގެންދާނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަރުކޮޅު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހިކޮށް މި ސަރަހައްދުގެ ގުދުރަތީ ގޮތުން ހާއްސަ ސިފަތައް ހިމާޔަތް ކުރުމަށް އިޖްތިމާއި އަދި މާލީ މަންފާ ލިބޭ ގޮތަށް މި ރަށް ޑިޒައިން ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މި ރަށުގެ ޑީޓެއިލް ޑިޒައިނަށް ދިޔުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންސެޕްޓް ހިމެނޭގޮތަށް ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަށް ބެލެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން މިހާރު މިރަށަށް އަމާޒުކޮށް ހާއްސަ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. މިގޮތުން ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް ނުވަތަ ކެޓެނޭޓް ޕްރޮޖެކްޓަކީ ގްލޯބަލް އެންވާރްމަންޓް ފެސިލިޓީ ޖެފްގެ ހިލޭ އެހީގެ ދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުން ހިނގަމުންދާ މަޝްރޫއެކެވެ.
މިމަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓައި މެނޭޖްކުރެވޭ ފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ހިނގާ މި މަޝްރޫއުގެ ދަށުން ފަރުކޮޅުު ވެގެންދާނީ ނޭޗަރ ޕާކު ތަރައްޤީކޮށް އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާ ފުރިހަމަ މިސާލަކަށް ކަމުގައެވެ. އަދި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތި މާހައުލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ފުނަދޫގެ ތަރައްޤީއަށްވެސް އެހީތެރިވެދޭނެ މަޝްރޫއެއްކަން އެ ވުޒާރައިން ފާހަގަކުރައްވައެވެ.
ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭސް މެކޭނިޒަމްއެއް މި ސަރަހައްދަށް ފަރުމާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ފައިދާ ލިބޭނެ ގޮތަށް ތަރައްޤީ ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ސްޓާރޓަޕް ގްރާންޓް ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ފަރުކޮޅުގެ ނޭޗަރ ޕާކު މޮޑެލްއަކީ ދެމެހެއްޓެނިވި ގޮތުގައި ނޭޗަރ ބޭސްޑު ޓުއަރިޒަމް ތައާރަފްކޮށް އޭގެ ދަށުގެ ރަށުގެ ރައްޔިތުން ކުރިއަރާދާނެ ގޮތަށް ޕްލޭންކޮށްފައިވާ މަސައްކަތެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.