ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ސިނގިރޭޓި ކާޓަން ތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުންގެ މަތީ މަޤާމެއްްގައި ހުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، އުމުރުން 39 އަހަރުގެ މުނައްވަރު އާދަަމެވެ. މުނައްވަރު އާދަމަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ. މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށާއި، މިތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިއަހަރު މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށެވެ. އަދި މިތަކެތި ބަހައްޓާފައި ހުރީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ ތެރެއިން 6 ކާޓަންގެ ސިނގިރޭޓު މަދުވި މައްސަލައެއް މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ވަނީ ފާހަގަކުރެވިފައެވެ. އަދި މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް އުޅުމުގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގެ ތަހުގީގު ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ތަހުޤީޤުކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ޑިސެންބަރު މަހު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.