މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ބަލިވިނަމަވެސް، ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށް ތާރީހުގެ ތެރެއަށް ޖެހިލައިފިއެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.
އެގޮތުން، މި އިވެންޓްގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން ކާމިޔާބުކޮށްފައެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އާމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ ޢާއިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.
މި އިވެންޓްގެ ޑަބަލްސް މެޗުގައި އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ފަސޭހަކަމާއެކު އެމެރިކާގެ އުމާމަހޭޝްވަރީ އާއި ތޭޖަސްވީގެ ޕެއާ ބަލިކޮށްފައެވެ. މި މި މެޗުން ނަހުފާ އާއި ރަޔާނާގެ ޕެއާ މޮޅުވީ 23-4، 25-0 އިންނެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.