ރައްޔިތުންގެ މަޖިލީހުގައި މިއަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް އަންނަ އަހަރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދިއުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސަރުކާރާއި މެންބަރުންގެ ފަރާތުން 82 ބިލެއް މަޖިލީހަށް ހުށަހެޅުނުއިރު 60 ބިލެއްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. 20 ވަނަ މަޖިލީހުން ބިލުތައް ފާސްކުރުމުގައި އަމަލުކުރަމުންދަނީ ސަރުކާރު ހިންގުމަށް ފަސޭހަވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދޭ ބިލުތަކަށް މަޖިލީހުން އިސްކަންދެނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް ދަތިކަމެއްނެތި ސަރުކާރަށް ދެވޭނެ މަގުފަހުކުރުމަށް ކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހަޅާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ މަޖިލިސް ޗުއްޓީއަށް ނުގޮސް އެ މަސައްކަތްތައް ނިންމާ ކަމަށާއި ޗުއްޓީގައި އޮތް ކަމުގައިވިޔަސް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން މުހިންމު މަސައްކަތްތައް ނިންމަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ސަރުކާރަށް ކުރިމަތިނުވެ މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ، އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ މިއަހަރުގެ މި މަޖިލީހުގެ މަސައްކަތްތަކާ ދޭތެރޭގައި،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު 19ވަނަ މަޖިލީހުގައި ހުށަހެޅުނު ބައެއް މަސައްކަތްތައްވެސް ނިންމަވާފައިވާ ކަމަށާއި އަންނަ އަހަރު މިއަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވާ މުހިންމު ކަންކަން ހާސިލުވާގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި 20ވަނަ މަޖިލީހުން މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.