ޚަބަރު

މިދިޔަ 2 އަހަރު ތެރޭ އެކި ދާއިރާތަކުން 541 ޒުވާނުން ތަމްރީނުކޮށްފި


  • ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަކީ، އަމާޒެއް

  • ޒުވާނުންނަށް ޚާއްސަ ކޮށްގެން ތަފާތު ޕްރޮގްރާމްތައް ދަނީ ހިނގަމުން

ފާއިތުވި 2 އަހަރު ތެރޭގައި ޒުވާނުން ތަމްރީނު ކުރުމުގެ އެކި ޕްރޮގްރާމްތަކުން 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް މުޖުތަމަޢުގައި ފަހި ފުރުސަތުތައް ހޯދާ ދިނުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަ ކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ، ހިނގަމުންނެވެ. އޭގެތޭރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ހިމެނެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ފާއިތުވި 2 އަހަރު ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ތެރެއިން 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 159 އަންހެން ކުދިންނާއި، 382 ފިރިހެން ކުދިން ހިމެނެއެވެ. މިހާރުވެސް 172 ޒުވާނުން ދަނީ، މި ދެ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން

  • 255 ޒުވާނުން ވަނީ ފުރިހަމަކޮށްފައި
  • 30 އަންހެން ކުދިން
  • 225 ފިރިހެން ކުދިން
  • މިޕްރޮގްރާމް މިހާރުވެސް 132 ޒުވާނުން ދަނީ ފުރިހަމަ ކުރަމުން

ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމުގެ ތެރެއިން

  • ޖުމްލަ 286 ކުދިން ވަނީ ފުރިހަމަކޮށްފައި
  • 129 އަންހެން ކުދިން
  • 157 ފިރިހެން ކުދިން
  • މި ޕްރޮގްރާމް މިހާރުވެސް 93 ޒުވާނުން ދަނީ ފުރިހަމަ ކުރަމުން

ޒުވާނުން ބާރުވެރި ކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރު ކުރުމެވެ. މިކަން ޙާސިލްކުރުމަށްޓަކައި އެވުޒާރާއިން ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމެވެ. މިކަމުގެ ނަތީޖާ ދަނީ، ފެންނަމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކޮށް، އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށާއި، ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީ، މިޕްރޮގްރާމުގެ މަޤުސަދެކެވެ.