ޚަބަރު

ޓްރެއިނިންގ ރިސޯޓު ހަދަން ރަށް ކުއްޔަށް ދިނުމާ ގުޅޭ އިސްލާހު ފާސްކޮށްފި


  • ރިސޯޓް ތަރައްގީ ކުރަން ރަށާއި ފަޅު ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ %45 ހިއްސާ އޮންނަ ކުންފުނިތަކަށް

  • ރިސޯޓް ތަރައްގީ ކުރަން ދޫކުރާ ފަޅެއް ނުވަތަ ރަށް އަދި ކުންފުނި ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުން

ޓްރެއިނިންގ ރިސޯޓު ތަރައްގީކުރުމާއި ދައުލަތުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީ ކުރުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅުއްވީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި ޓޫރިޒަމް ޓްރެއިނިން ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ނިޒާމެއް ދިވެހިރާއްޖޭގެ ޓޫރިމާބެހޭ ޤާނޫނުގައި ތަޢާރަދުކޮށް އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމާއި އެތަންތަން ހިންގުމުގެ އުސޫލު ޤާނޫނުގައި ބަޔާންކުރުމަށެވެ. މި އިސްލާހުގައި ރިސޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމާބެހޭ އުސޫލާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅު ސަރަހައްދު ކަނޑައެޅުމާބެހޭ އުސޫލު ޤާނޫނުގައި ހިމެނުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ޓޫރިޒަމާ ގުޅުހުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަކީވެސް މިބިލު ހުށަހެޅި މަގުސަދެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށާއި ފަޅު ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިފަދަ މަޝްރޫއުތަކަށް ރަށް އަދި ފަޅު ދޫކުރެވޭނީ މާލީ ގޮތުންނާއި ފަންނީ ގާބިލުކަން ހުރި ކުންފުނިތަކަށް ކަމަށާއި އެފަދަ މަޝްރޫއަކަށް ދޫކުރާ ފަޅެއް ނުވަތަ ރަށް އަދި ކުންފުނި ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޓްރެއިނިން ރިސޯޓްތައް ތަރައްގީ ކުރުމާބެހޭ މާއްދާއެއް މިއިސްލާހުގައި ހިމަނާފައިވާއިރު އެފަދަ ރިސޯޓެއް ތަރައްގީ ކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އެ ދާއިރާގައި ޚިދުމަތް ކުރާ މީހުން ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ރިސޯޓެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ހިންގަންޖެހޭ ޕްރޮގްރާމުތައް ސާފުކޮށް އެނގޭނެހެން ގަވާއިދު ހެދުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖޭގައި ޓޫރިސްޓް ރިސޯޓް ހެދުމާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރުމަށާއި ޕްރައިވެޓް އައިލެންޑް ހެދުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި ޓްރެއިނިން ރިސޯތް ތަރައްގީ ކުރާނެ ތަންތަން ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޓުއަރ އޮޕަރޭޓަރުންނަށް ދޫކުރާ ލައިސަންސާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ޓޫރިޒަމާ ގުޅުންހުރި ދަތުރުތައް ރާވައި ހިންގޭނީ ޓުއަރ އޮޕަރޭޓަރުންގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރާއްޖޭން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް ރާއްޖޭގައި ދަތުރު ރާވައި، ހިންގުމުގެ ޚިދުމަތް ދެވޭނީ ފޮރިން ޓުއަރ އޮޕަރޭޓަރސް ލައިސަންސް ހޯދައިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. ޓުއަރ އޮޕަރޭޓަރުންނަށް ދޫކުރާ ލައިސަންސްގެ ބާވަތްތަކާއި ލައިސަންސް ލިބޭ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅައި ގަވާއިދުތައް މި އިސްލާހުތަކަށް އަމަލުކުރަން ފެށުމުން އާންމު ކުރާނެއެވެ.

މި އިސްލާހުތައް އިގްތިސާދީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ބިލު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.