ލަންކާއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ދިވެހީން ފަރާތުން ލިބޭ އޯގާތެރިކަމާއި އެހީތެރިކަމަކީ އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާނެކަމެއްކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.
ލަންކާ ސަރުކާރުން މިހެން ބުނީ ނުރައްކާތެރި ތޫފާނެއް އެރުމުގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ރާއްޖޭގައި ހުންނަ ލަންކާގެ ހައިކޮމިޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ލަންކާއަށް އެހީތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ ރާއްޖޭގެ 38 މީޑިއާއެއް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންއެވެ. 29 ގަޑިއިރުގެ މި ޓެލެތޯންގެ ތެރެއިން ކުރިއަށްގެންދިޔަ ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން ލަންކާއަށް އެހީވުމަށް 8 ލައްކަ ޑޮލަރު ލިބިފައިވެއެވެ.
8 ލައްކަ ޑޮލަރުގެ އެހީ ލިބުމާއި ގުޅިގެން އެކަން ފާހަގަކޮށް ހިއްސާކުރި މެސެޖުގައި ލަންކާ ހައިކޮމިޝަނުން ވަނީ އެންމެ ބޭނުންވި ވަގުތުގައި ފޯރުކޮށްދެއްވި ދީލަތި އެހީއަށްޓަކައި ލަންކާ ސަރުކާރާއި ލަންކާގެ ރައްޔިތުންގެ ނަމުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މީޑިއާތަކާއި އަމިއްލަ ކުންފުނިތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ލަންކާ ހައިކޮމިޝަނުގެ ޕޯސްޓުގައި ވަނީ ލަންކާއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ލަންކާ ރައްޔިތުންނާއެކު އަބަދުވެސް ދިވެހީން ތިބޭކަން ފާހަގަކޮށްފައެވެ. އަދި ދިވެހިންގެ އޯގާތެރިކަމާއި ވެދޭ އެހީތެރިކަމަކީ ލަންކާ ރައްޔިތުން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާނެކަމެއްކަމަށް ގައި ކޮމިޝަނުގެ ޕޯސްޓުގައިވެެެއެވެ.
ލަންކާ ސަރުކާރުގެ އިތުރުން ލަންކާގެ އާއްމު ރައްޔިތުންނާއި އެ ގައުމުގެ މީޑިއާތަކުންވެސް ދަނީ ލަންކާއަށް އެހީވުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓްތަކުގައި ލަންކާ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރަނީ ރާއްޖެއަކީ ކުޑަ ގައުމެއްނަމަވެސް، އެންމެ ފުރަތަމަ ލަންކާއަށް އެހީތެރިވުމަށް އިސްނެގީ ރާއްޖެއިންކަން ފާހަގަކޮށްފައެވެ.
ލަންކާ ބައެއް މީހުން ފާހަގަކުރި ގޮތުގައި ރާއްޖެއަކީ މާލީގޮތުން ބަޔަކަށް ބޮޑެތި އެހިތަކެއް ދެވޭނެ ގައުމަކަށް ނުވިޔަސް، އެންމެ ގާތް އަވަށްޓެރިޔާ ހާލުގައި ޖެހުނު ވަގުތު ރާއްޖެއިން ދެއްކީ އިންސާނިއްޔަތުގެ ނަމުނާއެއްކަމަށެވެ. ލަންކާއަށް ދަތި އުނދަގޫ ވަގުތެއް ކުރިމަވިއިރު ބޮޑެތި ގައުމުތަކުން ބަލަން ޢޮތްއިރު، ކުޑަކުޑަ ރާއްޖެއިން ލަންކާއަށް އެހީތެރިވުމަށް ކުރަމުންދަނީ ތަޢުރީފް ހައްގު މަސައްކަތްތަކެއްކަންވެސް ބައެއް މީހުން ފާހަގަކުރިއެވެ.
"5 ލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގެ ރައްޔިތުންނަށް އަހަރުމެންނަށް އެހީތެރިވުމަށް އެތައް މިލިޔަން ރުޕީސްއެއްް އެއްކޮށްފި. ބޮޑެތި ގައުމުތަކަށް އެކަން ނުކުރެވިގެން އުޅޭއިރު ރާއްޖެއިން އެ ދައްކަނީ ދުނިޔެއަށް ނަމުނާ. ރާއްޖޭގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި މީޑިއާތަކާއި ކުދި ބޮޑު ވިޔަފާރިތަކާއި ޖަމުއިއްޔާތައްް ހިމެނޭހެން ރާއްޖޭގެ ހުރިހާ އެންމެން އެކަތިގަނޑަކަށްވެގެން އެ މަސައްކަތް ކުރަނީ އަހަރުމެންގެ ހައްގުގައި. އެމީހުން އެ ކޮށްދެނީ ކިހާވަރެއްގެ މަސައްކަތެއްކަން ދުލަކުން ބަޔާން ނުކޮށްދެވޭނެ" ލަންކާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވެެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަން އިހްސާންތެރިކަން ފާހަގަކުރަމުން ލަންކާ ބައެއް މީހުން ބުނެފައިވަނީ ރާއްޖެއިން އެހީތެރިކަމެއް ބޭނުންވާ ހިނދު އެންމެ ފުރަތަމަ އެކަމަށް އިޖާބަ ދޭ ބަޔަކަށް ލަންކާވާންޖެހޭނެކަމަށެވެ. އަދި ލަންކާ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަކީ ތާއަބަދަށް ލަންކާއިން ހަނދާން ބަހައްޓަންޖެހޭނޭކަމެއްކަމަށްވެސް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން ބުނެފައިވެއެވެ.
" އަހަރުމެންނަށް ކުރިމަތިވާ މިފަދަ ކޮންމެ ދަތި އުނދަގޫ ވަގުތެއްގައި، އަހަރުމެންނަށްޓަކައި ދިވެހީން ކޮށްދޭ މަސައްކަތް ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެ" ސެނޫ ކަވީ ނަމަކަށް ކިޔާ ލަންކާ ރައްޔިތަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ލަންކާއަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ލަންކާ ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާއިރު، ލަންކާއަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީޑިއާތަކުގެ ޓެލެތޯނުން ލިބުނު ފައިސާގެ އިތުރުން، ދިވެހި ސަރުކާރުންވެސް 50 ހާސް ޑޮލަރުގެ އެހީއެއް ލަންކާއަށް ފޯރުކޮށްދެއްވާފައެވެ. އޭގެއިތުރުން 25 ހާސް މަސްދަޅު ކޭސްވެސް ލަންކާއަށް ހަދިޔާކުރުަމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ދިވެހި ސަރުކާރުގެ އިތުރުން ދިވެހި ވިޔަފާރިވެރިންވެސް ގެންދަވަނީ ލަންކާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުންވެސް ދަނީ ލަންކާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވަމުންނެވެ.